ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުއެކުލަވާލައި މިއަދު ގެޒެޓްގައި އާންމުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެއީ ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން އެ މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލެއް ކަމަށެވެ.

އެ އުސޫލު އެކުލަވާލާފައި ވަނީ ގައުމުތަކުން މީހުން ހައްޖަށް ގެންދިއުމުގައި އަމަލުކުރުމަށް ސައުދީ އަރަބިއްޔާގެ ހައްޖާބެހޭ މިނިސްޓްރީން ނެރުއްވާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖެއިން ހައްޖަށް މީހުން ގެންދާ ހުރިހާ ފަރާތްތަކުން އެ އުސޫލަށް އަމަލުކުރަންވާނެ ކަމަށް މިނިސްޓްރީން އާންމުކުރި އުސޫލުގައި ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކުރި އުސޫލުގެ ތައާރަފްގައި ބުނެފައި ވަނީ، އެ އުސޫލުގެ ބޭނުމަކީ ދިވެހިރާއްޖެއިން ހައްޖަށްދާ މީހުންނަށް ފެންވަރު ރަނގަޅު ހިދުމަތްތައް ލުއިފަސޭހަ ގޮތަކަށް ލިބިދިނުން ކަމަށެވެ.

އޭގެ އިތުރުން ދިވެހިރާއްޖެއިން ހައްޖަށްދާ މީހުންގެ ހައްގުތައް ހިމާޔަތްކުރުމާއި ރާއްޖެއިން ހައްޖަށް މީހުން ގެންދާ ކުންފުނިތަކުގެ ހައްގުތައް ހިމާޔަތްކުރުން ވެސް އެ އުސޫލު އެކުލަވާލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަދު އާންމުކުރި އުސޫލުގައި ހިމެނޭ ކަންކަން:

  • ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދުމާއި ހުއްދަ ދިނުން
  • ޕްރޮޕޯސަލް ހުށަހެޅުން
  • ޕްރޮޕޯސަލް ހުށަހެޅުމުގެ ޝަރުތު
  • ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
  • ޕްރޮޕޯސަލް ބަލައިގަތުމާއި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުން
  • ހޮވުނު ކުންފުނިތަކާއި މިނިސްޓްރީއާ ދެމެދު ވެވޭ އެއްބަސްވުން
  • ހައްޖަށް ދިއުމަށް އެދޭ ފަރާތްތަކަށް ހިދުމަތްދޭ އޮފީހުގައި ހުންނަންޖެހޭ މިންގަނޑުތައް
  • ހައްޖަށް ދާން އެދޭ މީހުން ރަޖިސްޓަރީކުރުން
  • ފައިސާނެގުން
  • ކުންފުނީގެ ފަރާތުން ހައްޖުވެރިންނަށް ފުރިހަމަ ކޮށްދޭންޖެހޭ ކަންތައްތައް
  • ކޮށްގެންނުވާނެ ކަންތައްތައް
  • ހައްޖު ވިސާޖެހުން
  • މައުލޫމާތު ދިނުމާއި ހައްޖު ރިޕޯޓް ހުށަހެޅުން
  • ހައްޖު ދަތުރުގައި ދިމާވާ ކުއްލި މައްސަލަތައް އެންގުން
  • މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އިސްތިސްނާވުން
  • ވިޔަވަޅު އެޅުން
  • ބަދަލުގެނައުން
  • ހައްޖު ކޯޓާ ބެހުން
  • މި އުސޫލުގައި ނުހިމެނޭ ކަމެއް މެދުވެރިވުން
  • މަނާކުރުން

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖަށް މީހުން ގެންދާ ހުރިހާ ފަރާތްތަކުން އެ އުސޫލަށް އަމަލުކުރަން ލާޒިމުވާނެ ކަމަށެވެ.