އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން ދިވެހިންގެ ތެރޭގައި އެބަތިބި ކަމަށާއި އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ރައީސް އަބްދުﷲ ޔާމީންއަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 125 ވަނަ ދުވަސް ފާހަގަކުރުމަށް ރޭ ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފާޅުގައި އިސްލާމްދީނާ ދެކޮޅަށް އަޑުއުފުލާ މީހުން އެބަތިބި ކަމަށެވެ.

އެހެންވީމާ މިއަދު ރާއްޖެއަށް ދަތިވެފައި އޮތީ ހަމަ އެކަނި ޓެރަރިޒަމް މައްސަލައޭ ބުނެވެން ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އެ ދީނެއްގެ ހިދާޔަތުގެ މަތީގައި ތިބެން ގާނޫނު އަސާސީގައި ލިޔެ ލޮލުން ބޮލުން އެކަން ކަށަވަރުކޮށްގެން އަގުދުކޮށްގެން ތިބި ބަޔަކީމު. އެހެންވީމާ އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ދިވެހި ދައުލަތުގައި، ދިވެހި ރާއްޖޭގައި ހުރިހާ މަދަނީ ހައްގުތަކެއް ލިބިގެން ތިބޭ ބަޔަކު އަޅުގަނޑުމެންގެ ދީނަށް ފުރައްސާރަކުރަން ޖާގަ ދެވިގެންވާނެ ކަމަކަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ދީނާ ހިލާފު ހިޔާލުފަތުރާ މީހުންނަށް ފިޔަވަޅެއް ނޭޅި އަޅާ ނުލެވޭ ކަމަށްވާ ނަމަ އެއީ "ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ޔާމީން ރަޝީދުގެ މަރު ފަދަ އެތައް މަރެއް ތަކުރާރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ދީނާ ހިލާފު ހިޔާލުފަތުރާ މީހުންގެ އިތުރުން ޓެރަރިޒަމްގެ ކަންތައްތަކާއި ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ދާކަމީ ދިވެހި ގައުމަށް ކުރިމަތުވެފައިވާ ނުރައްކަލެއް ކަމަށް ރައީސް ޔާމީން ސިފަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ތެރޭން ހައްދުފަހަނަ އަޅާފައިވާ ބަޔަކު އެބަދޭ ބޭރުގެ ދައުލަތްތަކަށް ޖިހާދުގެ ނަމުގައި މަސައްކަތް ކުރަން. މީގެ ގެއްލުން ދިވެހި ރައްޔިތުންނަށް ވަނީ ކުޑަކޮށެއް ނޫން." ރައީސް ޔާމީން ވިދާޅުވި އެވެ.

މިކަންކަމާ މިއަދުން މިއަދަށް ވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.