24 Apr 2017, 19:48
މި ސީޒަނުގައި ދެ ވަނަ ފަހަރަށް ސްޕެއިންގެ އެންމެ ވަރުގަދަ ދެ ވާދަވެރިން ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ މެޗެއް ރޭ ފެނިގެންދިޔަ އެވެ. ބާސާގެ ދަނޑުގައި ކުރިން ކުޅުނު 'އެލް ކްލެސިކޯ' މެޗު 1-1 ލަނޑުން އެއްވަރުވެގެން ނިމުނު ނަމަވެސް، ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމިގެން ދިޔައީ 3-2 ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.
ރޭގެ މޮޅާއެކު ބާސާގެ ސަޕޯޓަރުންނާއި ކުޅުންތެރިން ދަނީ ފޯރި ނަގާފައި އެ ކާމިޔާބު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުންނެވެ. އެއީ ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. އަނެއްކާވެސް ދުވަސްތަކަކަށްފަހު ވަގުތީގޮތުން ރެއާލް ދެވަނައަށް ވައްޓާލައި، ބާސާ ވަނީ އެއް ވަނައަށް ޖެހިލައިފަ އެވެ. އޭގެ އިތުރުން ދެ ޓީމުންކުރެ ކޮންމެ ޓީމެއް ވެސް ކްލެސިކޯ މެޗުން މޮޅެއް ހޯދިއްޖެނަމަ، ފޯރީގައި އެކަން ފާހަގަކުރެއެވެ.
ކްލެސިކޯ މެޗެއްގައި އާންމުކޮށް ފެންނަ މަންޒަރުތައް ރޭގެ މެޗުގައި ވެސް ފެނިގެން ދިޔައެވެ. އެ މެޗުގައި ފަސް ލަނޑާއި ރަތް ކާޑެއް އަދި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައެވެ. އެ މެޗަށްފަހު ބާސާގެ އުފާފާޅުކުރުންތަކުގައި އެންމެ ބޮޑަށް ބައިވެރިވި އެއް ކުޅުންތެރިޔަކީ ސަސްޕެންޝަނުގައި ހުރި އެ ޓީމުގެ ބްރެޒިލް ތަރި ނޭމާއެވެ.
ނޭމާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރެއާލް އަތުން މޮޅެއް ހޯދިއްޖެކަން އަންގައިދީފައެވެ. ސޯޝަލް މީޑިއާގައި އޭނާ އާންމުކުރި ފޮޓޯއިން ފެންނައިރު، އޭނާގެ އުފަލުގައި ރޭގެ މެޗުގެ ތަރި ލިއޮނެލް މެސީއާއި ލުއިސް ސުއަރޭޒް ވެސް ބައިވެރިކުރިއެވެ. މެސީއާއި ސުއަރޭޒްއާއެކު ނެގި އެ ފޮޓޯ ގަނޑުގައި ނޭމާ ހުރީ ބާސާގެ ޖާޒީ ދައްކާލައިގެންނެވެ. ރޭގެ މެޗުގައި ބާސާ މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު މެސީ، ޖާޒީ ބޭލުމަށްފަހު ހުރީ އެގޮތަށް ދައްކާލައިގެންނެވެ.

ކްލެސިކޯގައި ރެއާލް އަތުން ބާސާ މޮޅުކޮށްދިން ލަނޑު ޖަހައިދިނުމަށްފަހު މެސީ އުފާފާޅުކުރަނީ: އެ ލަނޑަކީ ބާސާއަށް އޭނާ ޖަހައިދިން 500 ވަނަ ލަނޑު --- ފޮޓޯ/ އީޕީއޭ
މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ކަސަމީރޯ ލީޑު ނަގައިދިން ނަމަވެސް، ހާފު ނިމުމުގެ ކުރިން މެސީ ވަނީ ބާސާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފުގައި ރެއާލަށް އިވާން ރަކިޓިޗް ލީޑު ހޯދައިދިން ނަމަވެސް، ރެއާލަށް ހަމޭސް ރޮޑްރިގޭސް ނަތީޖާ ހަމަހަމަކޮށްދިނެވެ. ބާސާ މޮޅުކޮށްދިން ލަނޑު މެސީ ޖަހާފައި ވަނީ ދެވަނަ ހާފުގެ އިތުރުވަގުތުކޮޅު ތެރޭގައެވެ. މެސީގެ އެ ލަނޑާއެކު ކްލެސިކޯގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު އޭނާއަށް ލިބިގެންދިޔައެވެ. އަދި އެއީ ބާސާއަށް އޭނާ ކާމިޔާބުކޮށްދިން 500 ވަނަ ލަނޑެވެ.
ލަލީގާ ތާވަލުގެ އެއް ވަނާގައި އޮތް ބާސާ އާއި ދެވަނާގައި އޮތް ރެއާލަށް ވެސް ލިބިފައި ވަނީ 75 ޕޮއިންޓެވެ. އެއް ވަނާގައި އޮތް ބާސާ، 33 މެޗު ކުޅެފައިވާއިރު، ރެއާލް ކުޅެފައި ވަނީ 32 މެޗެވެ. އެހެންކަމުން ރެއާލަށް ފައިދާ އެއް މެޗު އޮންނާނެއެވެ.