ސަން މީޑިއާ ގްރޫޕުން މިވަނީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިން ވީޑިއޯ ޕްލެޓްފޯމެއް ގާއިމުކޮށްފައެވެ. "ސަން ޕްލޭ"ގެ ނަމުގައި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ސަން މީޑިއާއިން ތައާރަފްކޮށްފައިވާ މި ވީޑިއޯ ޕްލެޓްފޯމަކީ، ބޭނުން ކޮންމެ މީހަކަށް ވެސް އެއްވެސް އަގަކާ ނުލައި ބޭނުން ކުރެވޭނޭ "ލޯކަލް ޔޫޓިއުބް" އެކެވެ.

ސަން ޕްލޭ ފަރުމާކޮށްފައިވަނީ، އަމިއްލަ ޗެނަލެއް ހަދަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ވަރަށް ފަސޭހަކަމާއެކު އެކަން ކުރެވޭ ގޮތަށެވެ. އެގޮތުން، "ސަން ޕްލޭ" (play.sun.mv) އަށް ވަނުމަށްފަހު، ސައިޓުގެ އެންމެ މަތީން، ކަނާތްފަރާތުން، "ސައިން އިން އެންޑް އަޕްލޯޑް" އިހްތިޔާރުކޮށްލާށެވެ. އޭރުން ސަން ޕްލޭގެ ލޮގިން ޕޭޖް/ރެޖިސްޓްރޭޝަން ޕޭޖަށް ދެވޭނެއެވެ.

"ސައިން އިން" ކުރުމަށް ދެ އިހްތިޔާރެއް ލިބޭނެއެވެ. އެއީ ފޭސްބުކް އެކައުންޓް ނުވަތަ އެފަރާތެއްގެ ޓްވިޓަރ އެކައުންޓް ބޭނުންކޮށްގެން ސައިން އިންވެލުމެވެ. ސައިން އިން ވުމުން އެފަރާތަކަށް ޚާއްސަ މުޅިން އާ، ސަން ޕްލޭގެ ޕޮރޮފައިލެއް ހުޅުވޭނެއެވެ. އަދި ހަމައެއާއެކު ސަން ޕްލޭ ޗެނަލެއް ވެސް ގާއިމުވެގެން ދާނެއެވެ.

މިހާރު ތިޔަވަނީ، ޔޫޓިބް ސްޓައިލް، 100 ޕަސެންޓް ދިވެހި އޮންލައިން ވީޑިއޯ ޗެނަލެއް ގާއިމުކުރެވިފައެވެ. ދެން ތިބާ ބޭނުުންވާ ވީޑިއޯއެއް، އަޕްލޯޑް ކުރަަންވީއެވެ. ރަހްމަތްތެރީންނާއި އާއިލާއާއެކު ހޭދަކުރާ ވަގުތުތަކާއި ތަފާތު ޝުއޫރުތައް ދައްކުވައިދޭ މަންޒަރު ހިމެނޭ ވީޑިއޯތައް ފަހަށް ރައްކާކުރުމަށް، ނުވަތަ އެހެން ފަރާތްތަކާ ހިއްސާކުރުމަށް ވެސް ސަން ޕްލޭ ޗެނަލްގައި އާކައިވް ކުރާންވީއެވެ.

ޕްރޮފައިލް ޕޭޖް އަޕްޑޭޓް ކުރާއިރު، "ޑިސްޕްލޭ ނޭމް" ލިޔުމުގައި ވަރަށް ފަރުވާތެރިވާން ވާނެއެވެ. ސަބަބަކީ، ސަން ޕްލޭގައި ހަދާ ޗެނަލަށް ދެވޭ ނަމަކަށް ވާނީ، އެފަރާތަކުން ޑިސްޕްލޭ ނޭމްގެ ގޮތުގައި ލިޔާ ނަމެކެވެ.

ސަން ޕްލޭއަށް ވީޑިއޯ އަޕްލޯޑްކޮށްލަން ވަރަށް ފަސޭހަވާނެއެވެ. އޮފީސް މާހައުލާއި، ގޭތެރޭގައި އަދި ބޭރުތެރޭގައި ވެސް ހިނގާ ހެއްވާ މަޖާ އަދި އެނޫންވެސް ހާދިސާތައް މޯބައިލް ފޯނުން ވީޑިއޯ ކޮށްލުމަށްފަހު ހަމަ ވަގުތުން އަޕްލޯޑް ކޮށްލެވޭނެއެވެ.

ސަން ޕްލޭއަކީ، ފިލްމާއި، މިއުޒިކާއި ލަވަ އަދި މިނޫންވެސް ތަފާތު ޕްރޮޑަކްޓްސްތައް ނެރޭ ފަރާތްތަކަށް ވަރަށް ހާއްސަގޮތެއްގައި އެފަރާތެއްގެ އުފެއްދުންތައް ހަމަ މުޅިން ހިލޭ ޕްރޮމޯޓްކޮށްލަންވެސް ހުޅުވިފައިވާ ދޮރެކެވެ. އާންމުކޮށް ކޮންމެ މީހަކަށްވެސް އެއް ޗެނަލް އުފެއްދޭއިރު، މިފަދަ ޚާއްސަ ފަރާތްތަކަށް "މަލްޓިޕްލް ޗެނަލްސް" އުފެއްދުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ސަން ޕްލޭއަކީ، ދީނީ، އިޖްތިމާއީ، ކުޅިވަރު، މުނިފޫހިފިލުވުން، ތައުލީމާގުޅޭ ޕްރޮގްރާމްތައް އަދި މިނޫންވެސް ތަފާތު މައުލޫމާތު ހިމެނޭގޮތަށް މިހާރުވެސް 2000 އަށްވުރެ ގިނަ، ވީޑިއޯ އާކައިވްކުރެވިފައިވާ ލޯކަލް ޕްލެޓް ފޯމެކެވެ.