މިރޭ ގްރީން ސްޓްރީޓުން ކުޅުނީ މޮޅުވުން ހައްގު ކުޅުމެއް ކަމަށާއި އެ މެޗުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވުން ހައްޤު ނޫންކަމަށް ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު ބުނެފިއެވެ.

ނިއުރޭޑިއަންޓް އަތުން 2-1 ބަލިވި މެޗަށް ފަހު ވާހަކަދައްކަމުން ސޮބާ ބުނީ، މިރޭ އޭނާއަށް ލިބިފައިވާ ވަސީލަތްތަކާއި ކުޅުންތެރިންނަށް ބަލާއިރު ރާއްޖެގެ އެންމެ ބޮޑު އެއް ކުލަބާ ދެކޮޅަށް އޭނާގެ ކުޅުންތެރީން ދެއްކީ ފަހުރުވެރިވާ ވަރުގެ ކުޅުމެއް ކަމަށާއީ ކުޅުންތެރިންނާ މެދު ފަހުރުވެރިވާކަމަށެވެ.

"މިރޭގެ މެޗުގެ މޮޅު ނިއުރޭޑިއަންޓަށް ހައްގެއް ނޫން. އަޅުގަނޑު ހަމަ ފަހުރުވެރިވޭ ޕްލެޔަރުން ދެއްކި ކުޅުމާއި މެދު،" ސޮބާ ބުންޏެވެ.

މިރޭ ރެފްރީގެ ނިންމުންތަކަށް ގްރީން ސްޓްރީޓްގެ ކުޅުންތެރިންނާއި އަދި ބެންޗުންވެސް ފާޑުކިޔާފައިވާއިރު މެޗަށް ފަހު ސޮބާ ބުނީ ލީގު މެޗުތަކަށް އަރުވަނީ ތަޖުރިބާ ނެތް ރެފްރީން ކަމަށާއި އެއީ ދެރަ ކަމެއް ކަމަށެވެ. އަދި ތަޖުރިބާ ހުރި ރެފްރީން ބަލަނީ ލާރި ލިބޭނެ އިތުރު ގޮތްތައް ހޯދުމަށް ކަަމަށް ސޮބާ ބުންޏެވެ.

މާޗް 3، 2017: މާލޭ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޖެހިޖެހިގެން ކުޅު ދެމެޗުން ވެސް މޮޅުވެ، 6 ޕޮއިންޓް ހޯދި ނިއުރޭޑިއަންޓްގެ ކޯޗް ބެނާޑޯ ޓަވަރޭސް ބުނީ އެ ޓީމުގެ ކުޅުންތެރިން ރަނގަޅަށް ކުޅުނު ކަމަށާއި ލިބުނު ތިން ޕޮއިންޓާ މެދު ހިތް ހަމަޖެހޭ ކަމަށެވެ. އަދި މިރޭގެ މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުޞަތުތައްވެސް ޓީމަށް ލިބުނު ކަމަށާއި މެޗަށް ނުކުތް ބޭނުން ހާސިލް ވީތީ އުފާކުރާކަމަށެވެ.