މުމްބާއީ: ދެހާސް ބާރަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'އާޝިގީ 2' އިން ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ހިޓް ލަވަ 'ސުން ރަހާ ހޭ ނާ ތޫ' ކިޔައިދީފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ އަންކިތު ތިވާރީގެ މައްޗަށް އުފުލި ރޭޕްގެ ދައުވާ ސާބިތު ނުވާ ކަމަށް ކޯޓުން ކަނޑައަޅައިފި އެވެ.

އަންކިތަށް ރޭޕްގެ ތުހުމަތު ކޮށްފައި ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކަމަށް ބުނާ އަންހެނެކެވެ. އޭނާ ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ކައިވެނި ކުރާނެ ކަމަށް ބުނެ، 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް، އެކި ފަހަރު މަތިން އަންކިތު އޭނާ ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އަންކިތު ހައްޔަރު ކުރީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް ފަހުން ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލައިފަ އެވެ.

އަންކިތުގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކޯޓުން ނިންމީ، އޭޕްރީލް 27 ވަނަ ދުވަހު ކުރިއަށް ދިޔަ ޝަރީޢަތުގެ އަޑުއެހުމުގައި މައްސަލަ ހުށަހެޅި ފަރާތުން ހެކިބަސް ދޭން އިންކާރު ކުރުމުންނެވެ.

އަންކިތުގެ އިތުރުން، އަންކިތުގެ ބޭބެ، އަންކުރް ތިވާރީ، މައްސަލަ ހުށަހެޅި އަންހެން މީހާ އަށް ބިރުދެއްކި ކަމަށް ބުނެ އަންކުރުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. ނަމަވެސް އެ ދައުވާ ވެސް ސާބިތު ނުވާ ކަމަށް ވަނީ ނިންމައިފަ އެވެ.

ޝަރީއަތް ނިމުމުން އަންކިތު ބުނީ އޭނާގެ ކުށެއް ނެތް ކަން މިހާރު އެންމެނަށް ވެސް އެނގޭނެ ކަމަށާއި، އޭނާ އާއި ދެކޮޅަށް މައްސަލަ ހުށަހެޅި ފަރާތާ މެދު އެއްވެސް ކަހަލަ ބުރަ ހިތެއް ނެތް ކަމަށެވެ.

އަންކިތު ބުނީ އޭނާ ހައްޔަރު ކުރި ފަހުން ފިލްމަކަށް ލަވަކިޔުމުގެ ފުރުސަތު ވެސް ލިބުނީ ވަރަށް އުނދަގުލުން ކަމަށާއި، ދައުވާގެ ސަބަބުން އޭނާގެ މަސައްކަތަށް ހުރަސް އެޅުނު ކަމަށެވެ.

އަދި އެ ދައުވާގެ ސަބަބުން އެންމެ ބޮޑު ހިތާމައެއް ލިބުނީ އޭނާގެ މައިންބަފައިންނަށް ކަމަށާއި، އޭނާގެ ކުށެއް ނެތްކަން އެންމެ ބޮޑަށް ސާބިތުކޮށްދޭން ބޭނުންވީ ވެސް މަންމަ އާއި ބައްޕަ އަށް ކަމަށެވެ.