އައްޑޫ ސިޓީގެ ފޭދޫ، މަރަދޫ-ފޭދޫ އަދި މަރަދޫގެ ނަރުދަމާ ގާއިމު ކުރުމުމެ މަސައްކަތް 130 މިލިއަން ރުފިޔާ އަށް ސަރުކާރުގެ ކޮންސްޓަރަކްޝަން ކުންފުނި އެމްޓީސީސީއާ ހަވާލުކޮށް އަމަލީ މަސައްކަތް ފައްޓައިފި އެވެ.

މިއަދު ފޭދޫފައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ފައްޓަވައި ދެއްވީ އެންވަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މަޝްރޫއަކީ އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެެމްޓީސީސީއާ ހަވާލު ކުރި މަސައްކަތެއް ކަމަށާއި އަދި އެ މަސައްކަތް މުއްދަތުގެ ތެރޭގައި ނިންމާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވި ކަމަށެވެ. އަދި ޒިޔަތާ ހަވާލާދީ އޮފިޝަލް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ނިމުމުން އެ ސަރަހައްދުން 50 މީހަކަށް ވަޒީފާގެ ފުރުސަތު ހަމަޖެހޭނެ ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ އެ މަޝްރޫއު އަށް ފަންޑު ކުރަނީ ސަރުކާރުގެ ބަޖެޓުންނާއި "އޮފިޑް" ފަންޑުން ކަމަށެވެ.

އެ ތިން ރަށަށް ސާފުބޯފެން ފޯރުކޮށްދިނުމަށް މިދިޔަ އަހަރު ބަޔަކާ ހަވާލުކޮށް މިހާރު ވަނީ މަސައްކަތް ނިމުމުގެ މަތީގައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުންޏެވެ.

އެ މިނިސްޓްރީ އިން ބުނީ އެ ތިން ރަށުގައި ފެނާއި ނަރުދަމާ ގާއިމުކޮށް ނިމުމުން އެ ތިން ރަށަށް ދިމާވެފައިވާ ފެން ތަޣައްޔުވުމުގެ މައްސަލަ އަށް ހައްލު ލިބި، ރަށުގެ ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.