ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ ލަވަ ކިއުމުގެ އެންމެ ބޮޑު ރިއަލިޓީ ޝޯ، މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭއިން މުހައްމަދު ތަސްނީމް (ބޮބް) އާއި ހަމޫދު އަހްމަދު އަދި ޝަމްވީލް މުހައްމަދު ޖާގަހޯދައިފިއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ އައިޑަލް ޝޯގެ ސީޒަން ދޭއްގެ އެންމެ ފަހު އެލިމިނޭޝަން ނައިޓް، ހޮނިހިރު ދުވަހުގެ ރޭ ބޭއްވިއިރު، ގަދަ ތިނަކަށް ނުގޮަސް މުބާރާތުން ވަކީވާންޖެހުނީ، އިބްރާހިމް ވަހީދު (ބޮޑުބެ) އާއި އަބްދުﷲ ހިޝާނެވެ.

މިރޭގެ ޝޯގެ ގެސްޓް ޖަޖް ޝަމްރާހް---

މިދިޔަ ހަފްތާގެ އެލިމިނޭޝަން ނައިޓްގައި، ޝޯގެ ޖަޖުން ވަނީ، "ނޯ އެލިމިނޭޝަން" ބާރުގެ ބޭނުންކޮށް އެއްވެސް ބައިވެރިއަކު ކަޓުވާ ނުލައި ހިފަހައްޓައިފައެވެ. އެއީ މިދިޔަ ހަފްތާގައި ބައިވެރިން ދެއްކި ޕާފޯމަންސް ތަކުން ހުރިހާ ބައިވެރިންވެސް ވަރަށް ހަމަހަމަވެފައި ވުމުން ކަމަށް ޖަޖުން ބުންޏެވެ.

ބޮބް އާއި ނިޝްފާ---

މިރޭގެ ޝޯއިން ހިޝާން އަދި ބޮޑުބެ ކެޓީ އެންމެ ފަހުން ބޭއްވި ޝޯގައި ގަދަ ފަސް ބައިވެރީންގެ ހުށަހެޅުންތަކަށް ޖަޖުންދޭ 50 އިންސައްތަ މާކްސްގެ އިތުރުން، ބެލުންތެރިންގެ 50 އިންސައްތަ ވޯޓާއެކު ޖުމުލަ މާކްސް އެންމެ ދަށުން ލިބިގެންނެވެ.

ޝަމްވީލާއި މާއިން---

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ މިރޭ ޝޯގައިވެސް ހިތްގައިމު ހުށަހެޅުންތަކެއް ބައިވެރިންގެ ފަރާތުން ފެނިގެން ގޮސްފައި ވާއިރު، މިރޭގެ ޝޯގައި ގެސްޓް ޖަޖެއްގެ ގޮތުން ބައިވެރިވީ، ރާއްޖެއިން ބޭރުގައި ބާއްވާ ޕްރެންޗައިޒް ޝޯތަކުގައި ލަވަތައް ހުށަހަޅައިދީ، ކާމިޔާބީތައް ހޯދަމުން އަންނަ ޑރ. އަހުމަދު ޝަމްރާހް އެވެ.

ޝަމްރާހް ވަނީ މިދިޔަ އަހަރުގެ ގަދަ ފަސް ބައިވެރިން ލަވަ ހުށަހަޅައިދިން ޝޯގެ ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވެފައެވެ. މިރޭގެ ޝޯގައި ޝަމްރާހް ވަނީ ހިތްގައިމު ލަވަ އެއްވެސް ހުށަހަޅައިދީފައެވެ. ޝަމްރާހް މިރޭގެ އެލިމިނޭޝަން ނައިޓްގައި ބައިވެރިވެފައިވަނީ ފްރާންސްގެ ޝޯއަކުން ފުރުސަތު ލިބިފައި ވަނިކޮށް އެ ފުރުސަތު ދޫކޮށްލާފައެވެ.

ހަމޫދާއި ރާފިޔަތު---

މިރޭގެ ޝޯގައި ބައިވެރިން ލަވަ ހުށަހަޅައިދީފައިވަނީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ތިބި މަޝްހޫރު ހުނަރުވެރި ފަންނާނުން ތަކަކާއެކުއެވެ. އެގޮތުން މުހައްމަދު ތަސްނީމް (ބޮބް) މިރޭ ލަވަ ހުށަހަޅައިދިނީ ނިޝްފާ އާ އެކީގައެވެ. ޝަމްވީލް މުހައްމަދު އޭނާގެ ސްކޫލް ދައުރުގެ ކްލާސްމޭޓް އައިޝަތު މާއިން ރަޝީދާއެކު ލަވަ ހުށަހަޅައިދިންއިރު ހަމޫދު އަހްމަދު ލަވަ ހުށަހަޅައިދިނީ ރާފިޔަތު ރަމީޒާ އާ އެކުގައެވެ. އަދި އިބްރާހީމް ވަހީދު (ބޮޑުބެ)، ބަތޫލް އަހްމަދު އާ އެކު ލަވަ ހުށަހަޅައިދީފައިވާއިރު އަބްދުﷲ ހިޝާން ލަވަ ހުށަހަޅައިދިނީ އަންދަލާ ހަލީމް އާ އެކުގައެވެ.

ހިޝާނާއި އަންދަލާ---

މީގެ އިތުރުން މިރޭގެ ޝޯގައި ދިރާގުގެ ފަރާތުން ވަނީ ގަދަ ފަހެއްގައި ލަވަ ހުށަހަޅައިދިން ފަސް ބައިވެރިންނަށް "ދިރާގު ޓީވީ"ގެ އިންޓްރޯ ޕެކޭޖެއް ހަދިޔާކޮށްފައެވެ.

ބޮޑުބެ އާއި ބަތޫލު----

އައިޑޮލްގެ ގާލާ ރައުންޑުގެ އެންމެ ފަހު އެލިމިނޭޝަން ޝޯ ނިމިފައިވާއިރު މިއަހަރުގެ މޯލްޑިވިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭ ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ތޭރަ ވާ ހޮނިހިރު ދުވަހުގެ ރޭގައެވެ.