ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޝިޕިންއަށް ކުއްޔަށް ދޫކޮށްފައިވާ ތ. އެލާގެ ކުއްޔާއި ޖޫރިމަނާއަށް ވާ 18 މިލިއަން ޑޮލަރު ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާ ކޮށްފި އެވެ.

ވިލާ ޝިޕިންގެ އެކައުންޓަތައް ފްރީޒްކޮށް 18 މިލިއަން ޑޮލަރު ދައްކަން މީރާ އިން އަންގާފައި ވަނީ މި އަހަރުގެ މާޗު 22 ވަނަ ދުވަހު އެވެ.

އެފައިސާ އަކީ ދައްކަން ނުޖެހޭ ފައިސާއެއް ކަމަށް ބުނެ ވިލާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް މީރާ އިން ވިލާއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބުނަނީ 18 މިލިއަން ޑޮލަރު އެ އޮތޯރިޓީއަށް ދެއްކުމަށެވެ.

އެމައްސަލައިގެ ޑިސްޕިއުޓް ރިސޮލިއުޝަންގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ސިވިލް ކޯޓުގައި ބާއްވައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 50 އަހަރަށް ތ. އެލާ ވިލާ ޝިޕިންގްއަށް ކުއްޔަށް ދިނީ ރިސޯޓު ހުޅުވާ ތާރީހުން ފެށިގެން ކުލި ދައްކަން ޖެހޭ ގޮތަށެެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އޭރު ހުންނެވި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ އެ އެގްރިމެންޓް ބާތިލުކުރައްވައިފަ އެވެ.

އެގްރިމެންޓް ބާތިލު ކުރެއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ގުޑްވިލް ނެތުމެވެ. އޭރު މީރާ އިން ވިލާ ޝިޕިންގްއަށް އަންގާފައި ވަނީ ކުލި މެދުކެނޑިފައި އޮތް ތާރީޚުން ފެށިގެން އެގްރީމެންޓް ބާތިލްކުރި ދުވަހާ ހަމައަށް ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުމަށެވެ.

އެގްރީމެންޓް ބާތިލްކުރި މައްސަލަ އެއިރު ވިލާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ބެލުމަށް ފަހު މިދިޔަ އަހަރު އެ ކޯޓުން ހުކުމް ކުރީ އެއީ ރަނގަޅު ބާތިލްކުރުމެއް ނޫން ކަމަށާއި އެ އެގްރީމެންޓް ދެމި އޮންނާނެ ކަމަށެވެ. ދައުލަތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފަ އެވެ.

މިހާރު އެ މައްސަލަ ވިލާ ޝިޕިންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.