ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ޗެމްޕިއަން ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި މެޑްރިޑް ޑާބީ، އަންގާރަ ދުވަހުގެ ރޭ ކުޅުނު ޗެމްޕިއަންސް ލީގު ސެމީފައިނަލްގެ ފުރަތަމަ ލެގު މެޗު ރެއާލުން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ.

މި މެޗުގައި ފެނިގެން ދިޔަ ތިން ލަނޑުވެސް ކާމިޔާބުކުރީ ޗެމްޕިއަންސް ލީގުގައި، ފުރަތަމަ ފަހަރަށް 100 ލަނޑު ހަމަކޮށް ރެކޯޑު ހަދާފައިވާ ޕޯޗްގީޒް ތަރި ރޮނާލްޑޯއެވެ.

މުޅި މެޗުގައި ވެސް ރަނގަޅަށް ކުޅުނު ރެއާލް މެޑްރިޑްގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނިޓްގައި ރޮނާލްޑޯ ކާމިޔާބުކުރީ އެތުލެޓިކޯ ގޯލް ކުރިމައްޗަށް ކަސެމީރޯ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް ރޮނާލްޑޯ ކާމިޔާބުކުރި ފުރަތަމަ ލަނޑު. 3-0 ލަނޑުން ރެއާލް މޮޅުވި މެޗުގައި ހުރިހާ ލަނޑެއް ކާމިޔާބުކުރީ ރޮނާލްޑޯ -- ފޮޓޯ: އޭޕީ

ރެއާލްގެ ދެވަނަ ލަނޑު މެޗުގެ 76 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނުމަށް ފަހު ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ދެވަނަ މެޗުގައި ހެޓްރިކް ފުރިހަމަކުރީ 86 ވަނަ މިނިޓްގައި ލޫކަސް ވަޒްކުއެޒް އެތުލެޓިކޯ ގޯލްކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ވަރަށް ފަސޭހަކަމާއެކު ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ރޮނާލްޑޯ ވަނީ، ކުއާޓާފައިނަލްގެ ދެ ލެގުގައި ބަޔާން މިއުނި ކޮޅަށް ފަސް ލަނޑު ޖަހައިފައެވެ.

މި މެޗުގައި ކާމިޔާބުރި ތިން ލަނޑާއެކު މިހާރު ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދު ވަނީ 103އަށް އަރައިފައެވެ. އަދި މި މެޗުގައި ފެނިގެންދިޔަ ހެޓްރިކާއެކު ރޮނާލްޑޯ ވަނީ، ލިއޮނަލް މެސީ ޗެމްޕއަންސް ލީގުގައި ގާއިމުކޮށްފައިވާ 7 ހެޓްރިކްގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ. އަދި މިއީ އޭނާ ރެއާލް މެޑްރިޑްގައި ކާމިޔާބުކުރި 42 ވަނަ ހެޓްރިކެވެ.

މުޅި މެޗުގައިވެސް އެތުލެޓިކޯއަށް ރެއާލްގެ ގޯލަށް ނުރައްކާކޮށް ބޯޅައެއް ފޮނުވާލެވިފައި ނުވާއިރު، ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް އަދި 12 ވަނަ ޗެމްޕިއަންސް ލީގު ޓްރޮފީ ހޯދަން ރެއާލް ކުރަމުންދާ އުންމީދަށް ހުރަސް އެޅުމަށް ދެވަނަ ލެގުގައި އެތުލެޓިކޯއަށް ބުރަ މަސައްކަތްތަކެއް ކުރާން މަޖުބޫރުވާނެއެވެ.