03 May 2017, 15:06
ސޯލް (އޭއެފްޕީ) – އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔެންގެ ޔުނިވާސިޓީއެއްގައި ކިޔަވައިދެމުން ދިޔަ އެމެރިކާގެ ޕްރޮފެސަރަކު ހައްޔަރުކޮށްފި އެވެ. މިއީ އެމެރިކާއާ ނުތަނަވަސްކަން އުފެދިފައިވާ އުތުރު ކޮރެއާ އިން ހައްޔަރުކުރި ތިން ވަނަ އެމެރިކާގެ ރައްޔިތެވެ.
ޓޯނީ ކިމް ނަމަކަށް ކިޔާ އެމެރިކާ އެ ޕްރޮފެސަރު ހައްޔަރުކޮށްފައި ވަނީ އުތުރު ކޮރެއާގެ ޔުނިވާސިޓީގައި ހަފްތާތަކެއް ވަންދެން ކިޔަވައިދިނުމަށް ފަހު، އެމެރިކާ އަށް ފުރަން އެއާޕޯޓްގައި ހުއްޓާ، މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.
އޭނާ ހައްޔަރުކުރިކަން ކަށަވަރު ކޮށްދެމުން އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ، ކޮރެއަން ސެންޓުރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ބުނީ، އެމެރިކާގެ ޕްރޮފެސަރު ހައްޔަރުކޮށްފައި ވަނީ އުތުރު ކޮރެއާގައި ފަސާދަ އުފައްދައި އެ ގައުމުގެ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ.
އަދި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
އެމެރިކާގެ ފެކަލްޓީ މެމްބަރުން ގިނަ އަދަދަކަށް ކިޔަވަމުން އަންނަ ޕިޔޮންގްޔެން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ޕަސްޓް)ގައި އެމެރިކާގެ ޕްރޮފެސަރު ކިޔަވައިދެމުން ދިޔައީ އެކައުންޓިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.