04 May 2017, 15:55
އިންޑިއާގެ ޓްރެވަލް މެގަޒިން "އައުޓްލުކް ޓްރެވެލާ"އިން ދޭ އައުޓްލުކް ޓްރެވެލާ އެވޯޑްސް 2017ގައި ދިވެހިރާއްޖެ އަށް ބައިނަލްއަގުވާމީ "ބެސްޓް އައިލެންޑް ޑެސްޓިނޭޝަން"ގެ އެވޯޑު ލިބިއްޖެ އެވެ.
ދިހަވަނަ އައުޓްލުކް ޓްރެވެލާ އެވޯޑު ދީފައި ވަނީ މެއި މަހުގެ އެއްވަނަ ދުވަހު އެވެ. އައުޓްލުކް ޓްރެވެލާ އެވޯޑަކީ ޓްރެވަލް އިންޑަސްޓްރީގެ 28 ދާއިރާއަކުން ދޭ އެވޯޑެކެވެ. މި 28 ދާއިރާގެ ތެރެއިން 15 އެވޯޑެއް ލިބޭ ފަރާތް ނިންމަނީ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އެ އެވޯޑަކީ މެގަޒިންގެ އެޑިޓަރުންގެ ޗޮއިސް ކަމުގައިވާ އިރު، ބާކީ 11 އެވޯޑަކީ ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލު ފަރާތްތަކަށެވެ.
ރާއްޖެއަށް ލިބުނު ބެސްޓް އިންޓަނޭޝަނަލް އައިލެންޑް ޑެސްޓިނޭޝަން އެވޯޑު ދެނީ ކިޔުންތެރިންގެ ހޮވުމަކަށެވެ. މި އެވޯޑު މިއަހަރު ލިބުނީ ދިވެހިރާއްޖެ އަށެވެ. މެއި އެއްވަނަ ދުވަހު އޮތް ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ އިންޑިއާގައި ހުންނަ ރާއްޖޭގެ ޕީއާރު އޭޖެންޓް "ތިންކް ސްޓްރޯބެރީސް"ގެ މީޑިއާ އެންޑް ޕީއާރު މެނޭޖަރ ޝީކާ މިޝްރާއެވެ.
އެވޯޑު ލިބުނު އެހެން ގައުމުތަކަށް ބަލާއިރު، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަންގެ އެވޯޑު ލިބުނީ ސިންގަޕޫރަށެވެ. ބެސްޓް ވައިލްޑްލައިފް ޑެސްޓިނޭޝަން އެވޯޑު ދެކުނު އެފްރިކާއަށް ލިބުނު އިރު، ބެސްޓް ވެޑިންގް ޑެސްޓިނޭޝަން ލިބުނީ ސީޝެލްސްއަށެވެ. އަދި ބެސްޓް އިންޓަނޭޝަނަލް އެޑްވެންޗާ ޑެސްޓިނޭޝަން ލިބުނީ ނިއުޒިލެންޑަށެވެ.