07 May 2017, 10:13
ކުރަން ހުރި މަސައްކަތްތަކަށް ބަލާއިރު މިއަދުގެ މެޗުން ތިން ޕޮއިންޓް ހޯދުމަކީ މުހިއްމު ކަމެއް ކަމަށް ވިކްޓްރީގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ވިކްޓަރީ ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޒޭން ބުނީ ބޮލުގައި އެޅިފައި ވަނީ ބޮޑު ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާ ކުރުމަށް މިއަދުގެ މެޗުން ތިން ޕޮއިންޓް ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ސުޒޭން ބުނީ ވިކްޓަރީން ކަނޑައަޅާފައިވާ ޓާގެޓާއި ހަަމައަށް ވާސިލް ވެވޭނީ މިވަގުތު ކުޅޭ ކޮންމެ މެޗަކުން ވެސް ތިން ޕޮއިންޓް ހޯދައިގެން ކަމަށާއި އެހެން ކަމުން މިއަދު މޮޅެއް ހޯދުން ކޮންމެހެންވެސް މަޖުބޫރުކަމަށެވެ.
"ވިކްޓަރީ ކުރިއަށް ދިޔުމާއި ނުދިޔުމާއި މެދު ގޮތެއް ނިންމަން ވަރަށް މުހިއްމު މެޗެއް މިއީ،" ސުޒޭން ބުންޏެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހު ބުނީ މިއަދުގެ މެޗު ވިކްޓަރީއަށް މުހިއްމުވާވަރަށް ވުރެ ބޮޑަށް މުހިއްމު ވަނީ ޔުނައިޓެޑް ވިކްޓަރީއަށްކަމަށާއި ޔުނައިޓެޑް ވިކްޓަރީން މިއަދުގެ މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދުމަށްކަމަށެވެ.
އެއްބަނޑު އެއްބަފާ ބޭބެއާ ދެކޮޅަށް މިއަދުގެ މެޗުގައި ނަޒީހު ނުކުންނައިރު އޭނާ ބުނީ އެކަމާއިހުރެ އެއްވެސް ކަމެއް ހާއްސަ ނޫންކަމަށާއި ކޮންމެ މީހަކު އިދިކޮޅުގައި ހުރި ނަމަވެސް މިއީ ފުޓްބޯޅަ ކަމުން ބޭނުމީ ނަތީޖާ ނެރެން ކަމަށެވެ. އަދި ބުނީ އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު ޓީމުގެ ބައެއް ކުޅުންތެރިން ތިބީ އިންޖަރީގައި ކަމަށާއި ނަމަވެސް މެޗަށް ނެރޭނީ ނެރެވެން އޮތް އެންމެ ރަނގަޅު ނަތީޖާ ކަމަށެވެ.
"އެންމެ ރަނގަޅު ޓީމް ނެރޭނީ. އަމާޒަކީ ސީދާ ތިންޕޮއިންޓް ހޯދަން . އަޅުގަނޑަކީ މޮޅަށް މަސައްކަތް ކުރާ ކޯޗެއް. އެެހެންވީމަ ޓީމަށް ވިސްނައިދެނީވެސް އެކަން،" ނަޒީހު ބުންޏެެވެ.
ވިކްޓަރީ ލީގުގެ ހަ ވަނައިގައި ހަ މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު އޮތް އިރު ޔުނައިޓެޑް ވިކްޓަރީ އޮތީ ހަ މެޗުން ތިން ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.
މި ދެޓީމް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 16:00 ގައެވެ.