ގާހިރާ (މޭ 7) : މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ރައީސް (ޗާންސެލާ) އަހްމަދު ޙުސްނީ ތޯހާ މަގާމުން ދުރުކޮށްފި އެވެ. މިސްރުގެ މީޑިއާ ބުނާ ގޮތުން އަޒްހަރުގެ ޝައިޚް ޑރ. އަހަމްދުއްތައްޔިބު ހޮނިހިރު ދުވަހުވަނީ އެ ޔުނިވާސިޓީގެ ރައީސް އަހްމަދު ޙުސްނީ ތޯހާ މަގާމުން ދުރުކުރައްވާފަ އެވެ.

އަޒްހަރުގެ އައު ރައީސް ކަމުގެ މަގާމަށް ވަގުތީ ގޮތުން އައްޔަން ކުރައްވާފައި ވަނީ ފެކަލްޓީ އޮފް އަރަބިކް ލޭންގްއޭޖްގެ ޑީން މުހައްމަދު ޙުސައިން އަލްމިހްރަސާވީ އެވެ. މިމަގާމަށް ދާއިމީކޮށް އައްޔަންކުރާނެ ބޭފުޅަކު އަދި ކަނޑައަޅާފައެއް ނުވެ އެވެ. އަޒްހަރުގެ ރައީސް އަހްމަދު ޙުސްނީ ތޯހާ މަގާމުން ދުރުކޮށްފައިމިވަނީ މިސްރުގެ މީޑިއާގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްކަމަށްވާ އިސްލާމް ބުޙައިރީއަކީ މުރްތައްދު ވެފައިވާ ބޭފުޅެއް ކަމަށް ސިފަކުރައްވައި އޭނާ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ބުޙައިރީއަކީ މުރްތައްދެއްކަމަށް ތޯހާ ސިފަކުރެއްވުމުން މިސްރުގެ މީޑިޔާއިން ތޯހާއަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައިވެ އެވެ. އިސްލާމް ބުޙައިރީއަކީ އިމާމް މާލިކްގެ ފާނާއި ޝާފިއީގެފާނާއި އަހްމަދުބިން ހަމްބަލްފަދަ ސުންނަތް ޖަމާއަތުގެ އިސް އިމާމުންނަކީ ދޮގުވެރިންކަމަށް ސިފަކުރުމުގެ ސަބަބުން އަޒްހަރުން ވެސް އޭނާގެ މައްސަލަ މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓަރަށް ހުށަހަޅާފައިވާ މީހެކެވެ. އަޒްހަރުން އޭނާގެ މައްސަލަ ހުށަހެޅީ އިސްލާމް ދީނަށް ފުރައްސާކުރުމުގެ ތުހުމަތުގަ އެވެ. ނަމަވެސް މިތުހުމަތު ބުހައިރީގެ މައްޗަށް ސާބިތުވެފައިނުވާތީ އޭނާއަކީ މުރްތައްދެއްކަމަށް ބުނުމަކީ ހެދުނު ގޯހެއްކަމަށް ވިދާޅުވެ ތޯހާވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފަ އެވެ.

އަނެއްކޮޅުން އަލްއަޒްހަރުގެ ރައީސް ކަމުގެ މަގާމުން ވަކިކުރި ތޯހާއަކީ އަލްއަޒްހަރު ޔުނިވާސިޓީގެ ދީނީ ދަރުސްތަކާއި ދީނީ ޚިތާބުތަކާއި ކިޔަވައިދޭ އުސޫލުތައް ޒަމާނީ ކުރުމަށް ރައީސް އަބްދުލްފައްތާޙް އައްސީސީ ގޮވާލެއްވި ގޮވާލެއްވުމާ އިދިކޮޅު ޚިޔާލުގެ ބޭފުޅެއްކަމަށް ޚަބަރުތައް ބުނެ އެވެ. (ރޮއިޓާސް)