މިވަގުތު ވެލެންސިޔާއަށް އޮތް ހިތްހަމަޖެހިލައިގެން ދެ ވަނަ ބުރު ފެށެން އޮތީ މިރޭ މާޒިޔާއަތުން ތިން ޕޮއިންޓް ހޯދައިގެން ކަމަށް ވެލެންސިޔާގެ ކޯޗް އަހްމަދު މުޖްތަބާ (ފެސްކޯ) ބުނެފިއެވެ.

ފެސްކޯ މިހެން ބުނީ އާދިއްތަ ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

ފެސްކޯ ބުނީ ޓީމް މިހާރު އޮތް ހާލަތުން އެ މާޒިޔާ އަތުން ތިން ޕޮއިންޓްހޯދުން ކޮންމެހެންވެސް މުހިންމު ކަމަށާއި ބޭނުންވަނީ މާޒިޔާ ބަލިކޮށް ފުރަތަމަ ބުރު އުންމީދަކާ އެކު ނިންމާލުން ކަަމަށެވެ.

އަދި ފެސްކޯ ބުނީ އެ ޓީމުގެ ކުޅުންތެރިންގެ ޕަފޯމަންސްގައި މައްސަލަ އެއް ނޫޅޭ ކަމަށާއި ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށްބަލާއިރު އެޓީމުގެ ކުޅުން ވަރަށް ރަނަގަޅުކަމަށެވެ. އަދި ހަމައެކަނި ދިމާވާ މައްސަލައަކީ ގޯލް ނުޖެހުން ކަަމަށެވެ. ނަމަވެސް ފެސްކޯ ބުނީ އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފެސްކޯ ބުނީ މިރޭ މެޗަށް ނުކުންނައިރު އޭނާއަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ މިރޭ އޮންނަ ކްލަބް މޯލްދިވްސް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗާއި އެއް ވަގުތެއްގައި ކުޅެން ޖެހުން ކަމަށާއި އެ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން ފުޓްސަލް ކުޅެން ދޫކުރަން ޖެހުމަކީ މާޒިޔާފަދަ ބޮޑު ކުލަބަކާ ދެކޮޅަށް ނުކުންނައިރު ޓީމަށް ދިމާވާނެ ގޮންޖެހުމެއްކަމަށެވެ.

މާޒިޔާގެ ކޯޗް ސެކުލޮސްކީ ބުނީ ވެލެންސިޔާއަކީ މޮޅު ޓީމެއްކަމަށާއި އެޓީމު މިހާތަނަށްއައި އިރު ރަނަގަޅު ކުޅުމެއްް ދައްކާފައިވާކަމަށެވެ. އަދި ބުނީ މާޒިޔާ ޓީމުގައި ކޮްނމެވެސް ވަރެއްގެ އަނިޔާގެ މައްސަލަ ތައް އެބައުޅޭ ކަމަށާއި ނަމަވެސް އުންމީދަކީ މެޗުން ތިން ޕޮއިންޓް ހޯދުން ކަމަށެވެ. އަދި ބުނީ ކުޅުންތެރިން ތިބީ މެޗަށް ތައްޔާރުވެފައި ކަމަށާއި އުންމީދަކީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލުން ކަމަށެވެ.

މި ދެ ޓީމު ކުޅޭ މެޗް ފަށާނި މިރޭ 21:00 ގައެވެ.