08 May 2017, 22:04
މިއަދު ހަވީރު މާލޭ ލީގުގައި ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައި ލީގުގެ ތިން ވަނަ މަގާމަށް ގްރީން ސްޓްރީޓް ޖެހިލައިފިއެވެ.
ގައުމީ ދަނޑުގައި ކުޅުނު އެ މެޗު ގްރީން ސްޓްރީޓުން ކާމިޔާބު ކުރީ 3-1ގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާއެކު ގްރީން ސްޓްރީޓަށް ވަނީ 13 ޕޮއިންޓްއާ އެކު ތާވްލުގެ ތިން ވަނަ ލިބިފައެވެ. އަދި ޓީސީ ހަތަރު ވަނާގައި އޮތީ 10 ޕޮއިންޓާއެކުއެވެ.
މެޗު ފަށައިގެން ގްރީން ސްޓްރީޓުން ވަނީ އެ މީހުންނަށް ލިބުނު ފަހި ފިރުސަތެއްގެ ބޭނުންކޮށް މެޗުގެ ތިން ވަނަ މިނިޓުގައި ލީޑު ނަގާފައެވެ. ޓީސީ ކުޅުންތެރިން ހާސް ކަމަށް ވައްޓާލާ ލީޑު ގައިދިނީ ސޮބޮލް އިލިއާ އެވެ.
ފުރަތަމަ ހާފުގެ ބޮޑުބައި އެ ނަތީޖާއާއެކު އޮތްއިރު ޓީސީއަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ގިނަ ފުރުޞަތު ތަކެއް ލިބި ބޭކާރުވެފައެވެ. އަދި ފުރުޞަތުތަކުގެ ބޭނުން ނުކުރެވުމުން ގްރީން ސްޓްރީޓުން ވަނީ އަނެއްކާވެސް ލީޑު ފުޅާ ކޮށްފައެވެ. މެޗުގެ 45 ވަނަ މިނިޓްގައި އެ ލަނޑު ކާމިޔާބުކުރީ އިލިއާއެވެ.
ދެ ވަނަ ހަފުގައި އިބްރާހިމް މަހުދީ ވަނީ ޓީސީ އަށް ލަނޑެއް ކާމިޔާބުކޮށްދީ އުންމީދުއައު ކޮށްދީފައެވެެ. އިއްބެ އެލަނޑު ކާމިޔަބުކުރީ މެޗުގެ 71 ވަނަ މިނެޓުގައެވެ.
ގްރީން ސްޓްރީޓުގެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޒްހާނެވެ. ޓީސީ ރަނގަޅަށް ކުޅެމުން ދަނިކޮށް ރިޒްހާން އެ ލަނޑު ގްރިން ސްޓްރީޓަށް ކާމިޔާބުކޮށްދިނީ 81 ވަނަ މިނިޓުގަ އެވެ.