10 May 2017, 08:58
އޭނާ އަކީ ނަމަކަށް މަސައްކަތް ކުރާ މީހެއް ނޫން ކަމަށާއި، ރަނގަޅު ސްކްރިޕްޓެއް ނެތި 'އާޝިގީ 3' ނުހަދާނެ ކަމަށް ޑައިރެކްޓަރު މޯހިތު ސޫރީ ބުނެފި އެވެ.
މޯހިތު ސޫރީ އެހެން ބުނެފައި މިވަނީ 'އާޝިގީ' ފިލްމު ސީރީޒްގެ ތިން ވަނަ ބައި އުފައްދަން ނިންމާފައި ވާކަން، ފުރަތަމަ ދެ ފިލްމު ވެސް އުފެއްދި ވިޝޭޝް ފިލްމްސް އިން ޔަގީންކޮށްދީފައި ވަނިކޮށެވެ.
މޯހިތު ސޫރީ ބުނީ 'އާޝިގީ' ސީރީޒް އަކީ ބެލުންތެރިން ވަރަށް ލޯބިކުރާ އަދި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ފްރެންޗައިޒެއް ކަމަށާއި، ރަނގަޅު ސްކްރިޕްޓެއް ނެތި ފިލްމު ހަދައިފި ނަމަ، ބެލުންތެރިން ފިލްމު ބަލައިނުގަންނާނެ ކަމަށެވެ.
ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު ރާހުލް ރޯއި އަދި އަނޫ އަގަރްވާލް އެކުގައި ފެނިގެން ދިޔަ "އާޝިގީ" އަކީ އެ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ.

'އާޝިގީ 2' ގެ ޑައިރެކްޓަރު މޯހިތު ސޫރީ --
ފިލްމުގެ ދެވަނަ ބައެއް ސިނަމާތަކަށް އައީ އޭގެ 23 އަހަރު ފަހުން 2013 ވަނަ އަހަރު އެވެ. އަދިތްޔާ ރޯއި ކަޕޫރު އަދި ޝްރައްދާ ކަޕޫރު ފެނިގެންދިޔަ "އާޝިގީ 2" އަށްވެސް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. އެ ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ މޯހިތު ސޫރީ އެވެ.
"އެ ފިލްމަށް 'އާރްޖޭ ކީ އެކް ލަވް ސްޓޯރީ' ކީ ނަމަވެސް އަހަރެން އެ ފިލްމު ޑައިރެކްޓު ކުރާނަން. އަހަންނަށް ކަމުދިޔައީ ވާހަކަ. އެހެންވެސް އެ ފިލްމު ހަދަން އަހަރެން ވަރަށް ބޮޑަށް ބޭނުންވި. އަހަރެން ބޭނުންވީ އެ ވާހަކަ ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދޭން،" މޯހިތު ސޫރީ ބުންޏެވެ.
'އާޝިގީ 3' އަށް އަދި މޯހިތު ސޫރީ، ހުނަރުވެރި ބަތަލާ އާލިއާ ބަޓް އަދި ސިދްހާތު މަލޯތުރާ ހަމަޖައްސާފައި ވާކަމަށް ކުރިން ވަނީ ރިޕޯޓު ކޮށްފައެވެ. ނަމަވެސް މޯހިތު ސޫރީ ވަނީ އެކަން ދޮގުކޮށްފައެވެ.
މޯހިތު ސޫރީ ބުނީ 'އާޝިގީ' އަކީ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ނަމެއް ކަމަށާއި، ނަމަވެސް އެ ނަމުގައި ފިލްމު ހެދުމުން ކޮންމެ ފަހަރަކު ކާމިޔާބު ވާނެކަމަށް ގަބޫލު ކުރުން ރަނގަޅު ނޫން ކަމަށެވެ.
"ފިލްމު އުފެއްދި ދާނެ. އެކަމަކު އޯޑިއެންސް އެ ބަލައިގަންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ. އާޝިގީ 2 އިން އަހަންނަށް ލިބުނު ކާމިޔާބާއި ރީތި ނަމާއި ހުރިހާ އެއްޗެއް ގެއްލިގެން ހިނގައިދާނެ ދެރަ އާޝިގީ 3 އެއް އުފައްދައިގެން،" އޭނާ ބުންޏެވެ.
މޯހިތު ސޫރީ މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމި 'ހާފް ގާލްފްރެންޑް' ރިލީޒް ކުރުމަށް ތައްޔާރުވަމުންނެވެ. ޝްރައްދާ ކަޕޫރު އަދި އަރްޖުން ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.