10 May 2017, 17:15
އިންޑިއާގެ ބަޖެޓު އެއާލައިން، ސްޕައިސްޖެޓުން އިންޑިއާގެ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް)އާ ރާއްޖެއާ ދެމެދު ދަތުރުތައް މިއަދު ފަށައިފިއެވެ.
އިންޑިއާގެ ތިރުވަނަންތަޕޫރަމުން މާލެ އައި ސްޕައިސްޖެޓުގެ ފުރަތަމަ ފްލައިޓު ވެލާނާ އެއަޕޯޓުގައި ޖައްސާފައިވަނީ މިއަދު މެންދުރު 1:45ގައެވެ.
ސްޕައިސްޖެޓް ފްލައިޓު އެސްޖީ 093 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔުމުގެ ގޮތުގައި ވަނީ ވޯޓާ ސެލިއުޓެއްވެސްް އަރުވައިފައެވެ.
އެ އެއާލައިނުން މާލެއަށް ދަތުރުކުރަން ބޭނުންކުރަނީ ބޮމްބާޑިއާ ޑޭޝް8 މަރުކާގެ މަތިންދާބޯޓެކެވެ. މިއީ 78 މީހުންގެ ޖާގައިގެ ބޯޓެކެވެ.
ސްޕައިސްޖެޓުން ތިރުވަނަންތަޕޫރަމާ މާލެއާ ދެމެދު ކޮންމެ ދުވަހަކުވެސް އެއް ފްލައިޓު ބާއްވާނެއެވެ. މީގެ އިތުރުން، ސްޕައިސްޖެޓުން ގެންދަނީ އިންޑިއާގެ ކޮޗިންއާ މާލެއާ ދެމެދުވެސް ކޮންމެ ދުވަހަކު ދަތުރެއް ކުރަމުންނެވެ.