11 May 2017, 14:22
އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ބްލަގަރު އަދި ސޯޝިއަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އދ.ގެ ކަމާ ގުޅުން ހުރި ކޮމިޓީތަކަށް ހުށަހަޅައިފި އެވެ.
ޔާމީން މަރާލާފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިންނެވެ.
އެ މައްސަލަ އދ.ގެ ކޮމިޓީތަކަށް ހުށަހަޅާފައިވާ ކަމަށް ޔާމީންގެ އާއިލާ އިން ވަނީ ބުނެފަ އެވެ. އަދި އެދިފައި ވަނީ މައްސަލާގައި ކަން ހިނގައި ދިޔަ ގޮތަށް ބަލައި އެކަށީގެންވާ ފިޔަވަޅެއް އދ. އިން އަޅައިދިނުމަށެވެ.
ޔާމީންގެ އާއިލާއިން އދ. އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޔާމީންގެ މަރުގެ ތަހުގީގުގައި އދ.ގެ އެހީތެރި ކަމަށް އެދެނީ ދިވެހި ފުލުހުންގެ ފަރާތުން މައްސަލާގައި ފުރިހަމަ ތަހުގީގެއް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަަމަށެވެ.
އެގޮތުން އަވަހާރަކޮށްލާފައިވާ ދީނީ އިލމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަދި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގު ވެސް އަދި ވެސް ފުރިހަމައަށް ކުރެވިފައި ނުވާކަން އާއިލާއިން ފާހަގަކުރި އެވެ. އަދި ޔާމީންގެ މަރުގެ މައްސަލައަކީ އެ މައްސަލަތަކާ އެއްގޮތް ކަމެއް ހުރި މައްސަލައެއް އެއް ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
ޔާމީންގެ މަރުގެ މައްސަލާގައި ފުލުހުން ވަނީ މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށް ދާ ކަމަށާއި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.