ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކްލަބު ޒެފްރޯލާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރާ މެޗު މިރެއަށް ފަސްކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗު ކުރިން މިއަދު ހަވީރު 4:00ގައި ކުޅޭ މެޗަށް ހަމަޖެހުނު ނަމަވެސް، މިހާރު އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00ގަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، އެ މެޗު މިރޭ ކުޅޭ ގޮތަށް ހަމަޖެއްސީ ކްލަބު ޒެފްރޯލް އަދި ކުޑަހެންވޭރު ޔުނައިޓެޑާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލަށް ކުޑަހެންވޭރު ދަތުރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ވީކޭ ސްޕޯޓްސް ބަލިކޮށްގެންނެވެ. އަދި ކްލަބު ޒެފްރޯލް ފައިނަލުން ޖާގަ ހޯދީ ސެމީގެ ދެވަނަ މެޗުގައި ޖޭޖޭ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ.

މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގެ ފައިނަލުގައި ވެސް ކްލަބު ޒެފްރޯލް ވާދަކޮށްފައިވެ އެވެ. އެ މެޗުގައި ޒެފްރޯލް ބަލިކޮށް ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަންގެ ޖާގައެއް ހޯދީ ކްލަބު ގްރީން ސްޓްރީޓްސްއިންނެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަންގެ ގަދަ ހަތަރަކުން ޖާގަ ހޯދި ޒެފްރޯލާއި ކުޑަހެންވޭރާއި ޖޭޖޭ އަދި ވީކޭއަށް މާލޭ ލީގު ކޮލިފައިނުން ޖާގަ ލިބޭނެ އެވެ.