17 May 2017, 13:29
އަޒަރްބައިޖާންގައި ކުރިއަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުން ރާއްޖޭގެ ފެތުންތެރިޔާ އައިމިނަތު ސަޖަން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ސަޖަން ވަނީ މިއަދު ވާދަކޮށްފައެވެ.
އެ އިވެންޓްގެ ހީޓް ތިނެއްގައި ވާދަކޮށް، ސަޖަން އިވެންޓް ފުރިހަމަކޮށްފައި ވަނީ 31.88 ސިކުންތުންނެވެ. އޭނާގެ އިތުރުން ދެން އެ އިވެންޓްގައި ވާދަކޮށްފައި ވަނީ ތުރުކީގެ ފެތުންތެރިޔަކާއި، އިންޑޮނޭޝިއާގެ ފެތުންތެރިޔަކާއި، ޖޯޑަންގެ ފެތުންތެރިޔަކާއި، ޕާކިސްތާނުގެ ފެތުންތެރިއެއް އަދި ތުރުކުމެނިސްތާނުގެ ފެތުންތެރިއެކެވެ.
ހީޓު ތިނެއްގެ ހަ ވަނާގައި ސަޖަން ނިންމާލި ނަމަވެސް، އޭނާއަށް ސެމީގެ ޖާގައެއް ލިބުނީ ތިން ހީޓުގެ ނަތީޖާތަކުން އެންމެ ކުރީގައި އޮތް ބައިވެރިންގެ ތެރޭގައި ހިމެނުމުންނެވެ. ސެމީގެ ޖާގައެއް ލިބިފައިނު ވަނީ ހަމައެކަނި ހީޓް ދޭއްގައި ވާދަކުރި މާލީގެ ފެތުންތެރިޔާ ސަމަސެކޫ ފަޓޫމަޓާއެވެ. އޭނާ އިވެންޓް ފުރިހަމަކުރީ 33.80 ސިކުންތުންނެވެ.
އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓްގެ ސެމީގައި ސަޖަން ވާދަކުރާނީ މިއަދު އިރުއޮއްސި 6:40ގައެވެ.