ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކޮންމެ އަހަރަކު ވެސް ބާއްވާ ވޯލްޑް ހެލްތު ކޮންފަރެންސްގައި ބައިވެރިވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ސުވިޒަލެންޑުގެ ޖެނީވާއަށް ފުރާވަޑައިގެންފި އެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް ޖެނީވާގައި ކުރިއަށް ގެންދާ އެ ކޮންފަރެންސުގައި ބައިވެރިވުމަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ނާޒިމް ވިދާޅުވީ، އެ ކޮންފަރެންސްގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކުރިމަގުގައި ފައިދާތަކެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ކޮންފަރެންސްގައި ތަގުރީރު ކުރައްވާނެ ކަމަށާއި އެ ތަގުރީގުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާ މެދު އަލިއަޅުއްވާލާނެ ކަމަށެވެ.

"އަޅުގަނޑުގެ ސުޕީޗުގައި އަލިއަޅުވާލާނީ، ސަސްޓެއިނަބަލް ޑިވެލޮޕްމެންޓުގައި ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިވާވެފައިވާ ގޮންޖެހުންތަކަށް. ހާއްސަކޮށް ދިވެހިރާއްޖެ އަށް ދިމާވެފައިވާ ގޮންޖެހުންތަކާ މެދު ގައުމުތަކުން ސަމާލުކަން ހޯދުމާއި އެހީތެރިކަންހޯދުމުގެ މައްޗަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާގައި މީހުން ތަމްރީން ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާ މެދު ތަގުރީރުގައި އަލިއަޅުއްވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، އެ ކޮންފަރެންސުގެ މައިގަނޑު މަގުސަދަކީ ޑަބްލިއުއެޗްއޯގެ ކުރިއަށް ހުރި ކަންކަން ރާވައި، ބަޖެޓު އެކުލަވާލައި، ސިއްހީ ކަންކަމާމެދު ދުނިޔޭގެ ހުރިހާ ގައުމަކުން އެއްބަސްވާ އެއްބަސްވުންތައް ހުށަހެޅުން ކަމަށެވެ. އަދި މިއަހަރުގެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ހުރިހާ ގައުމަކުން ކުރިއަށް އޮތް ފަސް އަހަރަށް އައްޔަން ކުރާ ޑިރެކްޓާ ޖެނެރަލުން ހޮވުމަށް ވޯޓުލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ކޮންފަރެންސްގައި ދުނިޔޭގެ ސިއްހީ ކަންކަމަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

"ދުނިޔޭގެ ސިއްހަތަށް ދިމާވެފައިވާ މުހިއްމު ކަންކަން ކަމުގައިވާ ރެފިއުޖީންނާއި މައިގްރެންޓްސް ހެލްތުގެ ކަންކަމާ މެދު، ދުނިޔެއިން ކަންކަން ކުރާނެ ގޮތަކީ ކޮބައިތޯ. ހާއްސަކޮށް ސީރިއާ ފަދަ އަދި ފަލަސްތީން ފަދަ ތަންތަނުގައި ދިމާވާ ސިއްހީ ކަންކަމާ މެދު ޑަބްލިއުއެޗްއޯ އިން ކުރެވޭނީ ކޮން ދައުރެއްތޯ އަދި އެހެނިހެން ގައުމުތަކުން ކޮށްދެވޭނީ ކޮން އެހީތެރިކަމެއްތޯ ބެލެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ރަސްމީ ބައްދަލުވުމުގެ އިތުރުން، ބައެއް ގައުމުތަކުގެ މިނިސްޓަރުންނާ ބައްދަލުކޮށް، އެ ގައުމުތަކުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދެވެން ހުރީ ކޮން އެހީތަކެއްތޯ ބަލާނެ ކަމަށެވެ.

އެގޮތުން ސައުދީ އަރަބިއްޔާ އާއި ޗައިނާ އަދި މެލޭޝިއާގެ ހެލްތު މިނިސްޓަރުންނާ ބައްދަލުކުރައްވާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ. އަދި އެ ބައްދަލުވުންތަކުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ.