ޝަރުތުތަކަކާ އެކު ގާނޫނީ ވަކީލު އަލީ ޝާހު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.

ނަމަވެސް އޭނާ ބަންދުން ދޫކޮށްލަން ކުރި ޝަރުތުތަކަކީ ކޮބައިކަން އަދި ސާފެއް ނުވެއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އަޅާ ކަމުގެ ތުހުމަތުގައި ޝާހު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައިއެވެ. ނަމަވެސް އެ ތަހުގީގަށް ހުރަސްއެޅުމުގެގޮތުން ޝާހު ކުރީ ކޮން ކަމެއް ކަމެއް ފުލުހުން ނުބުނެއެވެ.

އޭނާ ހައްޔަރުކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ފަސް ދުވަހަށް އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ. އެއަށްފަހު މިއަދު ވަނީ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލައިފައެވެ.

ޝާހު އަކީ މަރުގެ މައްސަލަތަހުގައި ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލެކެވެ. އަދި މަރުގެ ގިނަ މައްސަލަތަކެއްގައި ތަހުގީގު މަރުހަލާގައި ވެސް އޭނާ ވަނީ ހަރަކާތްތެރިވެފައެވެ.