ކުރީގެ ސިފައިންގެ މީހަކު ދިރިއުޅެން ބަނޑޭރުކޮށިން ދޫކޮށްފައިވާ ތަނުން އޭނާ ނެރުނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ މ. މެރީލޮޖް މުހައްމަދު ފިރާގު ސިފައިންގެ ވަޒީފާއިން ވަކިވިފަހުން ވެސް އޭނާ އަށް ބަނޑޭރި ކޮށީގައި ހުރެވުނީ އޭރުގެ ސިފައިންގެ އެންމެ މަތީވެރިޔާގެ ހުއްދައިގެ ދަށުންކަން އެނގޭ ކަމަށެވެ.

ފިރާގު ސިފައިންގެ ވަޒީފާއިން ވަކިވީ ޑިސެމްބަރު 6، 1994 ގައެވެ.

ވަޒީފާއިން ވަކިވުމުން ފިރާގު ދިރިއުޅުނުތަން އަގުކޮށް 77،383.89 ރުފިޔާ ފިރާގަށް އެމްއެންޑީއެފް އިން ދިންނަމަވެސް އެ ބިމުގައި ދިރިއުޅެވޭ ގޮތް ހަމަޖެހުމުން އެ ފައިސާ އަނބުރާ ދީފައިވާ ކަމަށް އެ ހުކުމްގައިވެ އެވެ.

ސިފައިންގެ ވަޒީފާއިން ވަކިވިފަހުން ފިރާގަށް އެތަނުގައި ހުރެވިފައި ވަނީ އޭނާ ދިރިއުޅުމަށް އެތަން ދޫކޮށްފައިވުމުންކަން ބުއްދީގެ ހަމަތަކުން ގަބޫލުކުރެވޭ ކަމަށް އެ ހުކުމްގައިވެއެވެ. އަދި އެނޫން ގޮތަކަށް އެކަން ހިނގާފައިވާ ކަމުގެ ހެއްކެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެތަނުން ފިރާގު ނެރުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ބޯހިޔާވަހިކަމުގެ ހައްގު އޭނާގެ ކިބައިން ނިގުޅައިގަތުން ނޫން ކަމަށާއި ނަމަވެސް އެތަން އަތުލީ ބަދަލު ދިނުމެއް ނެތި ކަމަށްވާތީ އެ ނިންމުން ބާތިލް ކަމަށް ހައި ކޯޓުގެ ހުކުމްގައިވެއެވެ.