26 May 2017, 19:28
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މާލޭ ނޯތު ޕޯޓުގައި ހިންގަމުން އަންނަ ނޯތު ޕޯޓު ކެފޭއާއި ޖޫގޯ ވިއްކާ ސްޓޯލް ބަންދުކޮށް، އެތަނުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޕީއެލްއިން މާލޭ އުތުރު ބަނދަރުގައި ނޯތު ޕޯޓު ކެފޭ ހަދައި، އެތަން ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެތަނުގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވީ، ނޯތު ޕޯޓު ކެފޭ ހިންގަމުން އައީ ގެއްލުމުގައި ކަމަށެވެ.
ހަލީމް ވިދާޅުވީ އެ ކެފޭގެ ޚިދުމަތް ފެށި ދުވަހުން ފެށިގެން އެތަނުގެ ހިސާބުތައް ބަލާއިރު، އެތަން ހިންގަމުން ދަނީ ދެމެހެއްޓެނިވި ގޮތެއްގައި ނޫންކަން އެނގޭ ކަމަށެވެ.
"ކެފޭއިން މަހަކު ހަތަރު ލައްކައަށް ވުރެ އިތުރަށް ގެއްލުން ވަމުން ދަނީ. ސަސްޓެއިނަބަލް ގޮތެއްގައި ކެފޭ ހިންގޭނެ ގޮތެއް ނޫން އެއީކީ،"
އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވީ ކުރިޔަށް އޮތީ ރަމަޟަން މަހަށް ވެފައި، އެ މަހުގެ ދުވާލުގެ ބޮޑު ބަޔަކީ ކެފޭ ރެސްޓޯރަންޓް ބަންދުކޮށްފައި ހުންނާތީ، އެމްޕީއެލްގެ މެނޭޖްމެންޓާއި ބޯޑުގެ މަޝްވަރާގެ ދަށުން ނިންމީ ނޯތު ޕޯޓު ކެފޭ މިވަގުތަށް ބަންދުކުރުމަށް ކަމަށެވެ.
އަދި އެ ކެފޭ ބަންދުކުރުމަށްފަހު، ކެފޭގެ އޮނިގަނޑު މިހާރަށް ވުރެ ފުރިހަމައަށް ހަރުދަނާކުރުމަށް ނިންމާފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.
"އެކަމުގެ ތަޖުރިބާކާރު ހިންގުންތެރި ފަރާތަކަށް ހަވާލުކޮށްގެން ސަސްޓެއިނަބަލް ގޮތަކަށް ކެފޭ ހިންގާނީ،" ހަލީމް ވިދާޅުވިއެވެ.
ނަމަވެސް މިހާރު ކެފޭގައި ވަޒީފާ އަދާކުރާ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާކަމަށް ހަލީމް ވިދާޅުވިއެވެ. ހަލީމް ވިދާޅުވީ، ކެފޭ ހިންގުމަށް އެހެން ބަޔަކަށް ދޭ ނަމަ، އެ ފުރުސަތު ދޭނީ މިހާރު އެތަނުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ދޭ ފަރާތަކަށް ޚާއްސަ އިނާޔަތްތަކަކާ އެކުގައި ކަމަށެވެ.
އެމްޕީއެލްގެ ނޯތު ޕޯޓު ކެފޭ ނޮވެމްބަރު މަހު ހުޅުވި އިރު، އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވީ މުހައްމަދު ޖުނައިދެވެ. އެ ކެފޭގައި ވަޒީފާ އަދާކުރަނީ ހުސް ދިވެހީންނެވެ.