ޕެނަމާގެ ކުރީގެ މިލިޓަރީ ލީޑަރު މެނުއެލް ނޮރިއޭގާ، އުމުރުން 83 އަހަރުގައި މަރުވެއްޖެ އެވެ.

ނޮރިއޭގާއަކީ 1983 ވަނަ އަހަރުން 1989 ވަނަ އަހަރުގެ ނިޔަލަށް، ޕެނަމާގައި މިލިޓަރީ ވެރިކަމެއް ކުރި މިލިޓަރީ ލީޑަރެވެ. އޭނާ މިލިޓަރީ ލީޑަރުގެ ގޮތުގައި އެގައުމުގައި ވެރިކަން ކުރީ އެގައުމުގައި ރައީސުން ވެސް ތިއްބަވަނިކޮށެވެ.

ނޮރިއޭގާ މަރުވީ ސިކުނޑީގެ ބައްޔަކަށް ފަރުވާ ހޯއްދުމަށް ފަހު އެވެ. އެކި ގައުމުތަކުގެ ކޯޓުތަކުން އޭނާއަށް 25 އަށް ވުރެ ގިނަ އަހަރުގެ ޖަލު ހުކުމް ކޮށްފައިވެ އެވެ.

ނޮރިއެގާގެ ވެރިކަން ޕެނަމާގައި ނިމުނީ 1989 ވަނަ އަހަރު އެމެރިކާގެ ސިފައިން ޕެނަމާއަށް އަރައި، އޭނާގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ސަބަބުންނެވެ. އެގޮތުން އެމެރިކާ ސިފައިން ޕެނަމާއަށް އަރައި، ނޮރިއެގާ ހައްޔަރުކޮށް، އޭނާ އެމެރިކާ އަށް ގެންގޮސް އޭނާއާ މެދު ކުރެވޭ އެކިއެކި ތުހުމަތުތަކާ ގުޅިގެން ޝަރީއަތް ކުރި އެވެ.

ނޮރިއެގާ ޑްރަގް ޓްރެފިކް ކުރުމާއި މަނީ ލޯންޑަރިންގްގެ ދައުވާތައް ސާބިތުވުމުގެ ސަބަބުން އެމެރިކާގައި 17 އަހަރަށް ޖަލަށް ލެވުނެވެ. ހަމަ އެއާ އެކު ފްރާންސްގައި އޭނާގެ ޣައިރު ހާޒިރުގައި ޝަރީއަތްކޮށް، މަނީ ލޯންޑަރިންގް މައްސަލައެއްގައި ނޮރިއެގާގެ މައްޗާށް ހަތް އަހަރުގެ ޖަލު ހުކުމެއް ކުރި އެވެ. އެމެރިކާގައި ހުކުމް ތަންފީޒުކުރުމަށް ފަހު ނޮރިއެގާ ފްރާންސަށް އެކްސްޓްރެޑިޓު ކުރި އިރު، 2010 ވަނަ އަހަރު ޕެނަމާގައި ކުރަން ޖެހޭ ޝަރީޢަތްތައް ކުރުމަށް ޓަކައި އޭނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް އެގައުމުން ވެސް އެދުނެވެ.

ދެހާސް އެގާރަ ވަނަ އަހަރު ނޮރިއެގާ ޕެނަމާއަށް ފޮނުވި އިރު، ޕެނަމާގައި އޭނާ އިންސާނީ ހައްގުތަކަށް އަރައިގަތް ގިނަ މައްސަލަތަކެއްގައި ހުރީ ޖަލުގަ އެވެ. ނަމަވެސް 2012 ވަނަ އަހަރު ނޮރިއެގާގެ ލޭގެ ޕްރެޝަރު މަތިވުމާއި ސިކުނޑީގެ ހެމަރޭޖެއްގެ ސަބަބުން އޭނާ ހޮސްޕިޓަލަށް ބަދަލުކުރި އެވެ. އެ އަހަރު އޭނާގެ ސިކުނޑީގައި ޓިއުމަރެއް ފެނިފައި ވެސްވެ އެވެ.

މިއަހަރުގެ މާޗު މަހު ނޮރިއެގާ ސިކުނޑީގެ ޓިއުމަރު ނެގުމަށް ސާޖަރީ ހެދި އިރު، އޭނާގެ ސިކުނޑިއަށް ލޭ އެޅި، ހާލަތު އިތުރަށް ސިރިއަސްވި އެވެ. އޭނާ އިއްޔެ މަރުވީ އެ ހާލަތުގައި އޮއްވަ އެވެ.

މީގެ ދެ އަހަރު ކުރިން ޕެނަމާގެ ޓީވީ ޗެނަލަކަށް ނޮރިއެގާ ދެއްވި އިންޓަވިއުއެއްގައި، އޭނާ ވަނީ އޭނާގެ ވެރިކަމުގައި ކޮށްފައިވާ ކަންކަމުގެ ނޭދެވޭ އަސަރު ކުރި އެންމެންގެ ކިބައިން މައާފަށް އެދިފައެވެ.