31 May 2017, 21:22
ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުޞަތު މާޒިޔާއަށް ގެއްލިއްޖެއެވެ.
އިންޑިއާގެ ބެންގަލޫރުގައި މިރޭ އިރާކޮޅު ކުޅުނު އެ މެޗުން މާޒިޔާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާއެކު ބެންގަލޫރު އަދި މާޒިޔާއަށްވެސް ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން 12 ޕޮއިންޓް ލިބިފައިވީ ނަމަވެސް ބެންގަލޫރު ދެވަނަ ބުރަށް ދިޔައީ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު ތަކުން ހޯދި ނަތީޖާތަކާއެކުއެވެ.
މިރޭގެ މެޗަށް ބަލާއިރު މޮޅަށް ކުޅެ ގިނަ ފުރުޞަތު ތަކެއް އުފައްދާފައިވަނީ މާޒިޔާއިންނެވެ.
މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާނެ ފުރުޞަތެއް ތަނަަވަސް ކުރީވެސް މާޒިޔާއިންނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނިޓްގައި ސަމޫހް އަލީ، މާޒިޔާގެ އިތުބާރު ފޯވަޑް ރަކިޗަށް ފަހިކޮށްދިން ފުރުސަތަކުން ރަކިޗް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލް ދަނޑިއަށެވެ.
މެޗުގެ 31 ވަނަ މިނިޓްގައިވެސް މާޒިޔާއަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއް ލިބިގެންގޮސްފައެވެ. އެޓީމުގެ ޒުވާން ކުޅުންތެރިއާ އިރުފާނު ފޮނުވާލި ބާރު ހަމަލާ ބެންގަލޫރުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ 36 ވަނަ މިނިޓްގައިވެސް އިރޭއަށް ވަނީ ރަނގަޅު ފުރުޞަތެއް ލިބިގެންގޮސްފައެވެ. އޭނާ ފޮނުވާލި ހަމަލާ މިފަހަރުވެސް ދިފާއުކުރީ ބެންގަލޫރު ކީޕަރެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމް 0-0 އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ބެންގަލޫރުން ލީޑު ނެގީ މެޗުގެ 55 ވަނަ މިނިޓްގައެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) މާޒިޔާގެ އޭރިއާ ކައިރިން ބެންގަލޫރު ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ ސުނިލް ޗެތުރީއެވެ. ޗެތުރީ ވަނީ މި ދެޓީމް މާލޭގައި ކުޅުނު މެޗުގައިވެސް މާޒިޔާ ކޮޅަށް ލަނޑެއް ކާމިޔާބުކޮށްފައެވެ.
ބެންގަލޫރުގެ ލަނޑާއެކު އެޓިމުން ވަރަށް ބޮޑަށް މެޗު ލަސްކޮށްގެން ކުޅުނު އިރު މާޒިޔާގެ ފޯވަޑުންނަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއް ލިބިގެންގޮސްފައެވެ. މާޒިޔާގެ ކެޕްޓަން އަސައްކޮއަށް އަނިޔާވެގެން ބަދަލު ކުރިއިރު އެ ބަދަލާ އެކު މާޒިޔާއަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެގެން ގޮސްފައެވެ.
އޭއެފްސީ ކަޕްގެ ގުރޫޕްގެ ސްޓޭޖްގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު ދެ މެޗު ފިޔަވައި ހުރިހާ މެޗަކުން މާޒިޔާ ވަނީ މޮޅުވެފައެވެ. މާޒިޔާއިންވަނީ ވަރުގަދަ މޯހަން ބަގާންވެސް މާލޭގައި ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފައެވެ.
މީގެ ކުރިން މާޒިޔާ ފަސް ފަހަރު އޭފްސީ ކަޕްގައި ވާދަކޮށްފައިވާއިރު ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދެވަނަ ބުރަށް ދެވޭ ގޮތް ވަނީ އެކުލަބަށް ނުވެފައެވެ.