04 Jun 2017, 23:17
ފުލުހުންގެ ކޯޕްރަލްއެއްގެ މަގާމު ފުރުއްވަމުން ގެންދަވާ އައްޑޫ ސިޓީ ހިތަދޫ، އާބިން، މުހައްމަދު ސުމައިދު، 27، މިއަދު ރޯދަ ވީއްލާށާ އެއްކޮށް މަހަށް ނުކުތީ އޭނާގެ ދެ ރަހުމަތް ތެރިންނާ އެއްކޮށެވެ.
މިއަދު ހަވީރު 4:30 ހާއިރު އައްޑޫ އަތޮޅު ޝަންގްރިއްލާ ރިސޯޓް ކައިރިއަށް މަހަށް ނުކުމެ އުޅެނިކޮށް ސުމައިދުމެން ތިބި ޑިންގީ ބަންޑުން ޖަހާލި ސަބަބު އަދި ދެނެގަނެވިފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެ ސަރަހައްދުގައި ވަރަށް އޮއި ގަދަ އެވެ.
ޑިންގީ ބަންޑުން ޖަހާލުމުން ސުމައިދާ އެކު ދެން ތިބި ދެ މީހުން ވަނީ ފަތާފައި ގޮސް ޝަންގްރިއްލާ ރިސޯޓަށް އަރާފަ އެވެ. ނަމަވެސް ސުމައިދަށް ވީނުވީ އެއް ނޭނގެ އެވެ.
'ސަން'އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިއަދަކީ ސުމައިދުގެ އުފަން ދެހެވެ.
ސުމައިދު ހޯދުމުގެ މަސައްކަތުގައި މިހާރު ވެސް ހަރަކާތެރިވަމުންދާ އޭނާގެ ބޮޑުބޭބެ "ސަން"އަށް ބުނީ ދެ ރައްޓެހިންނާއެކު މަހަށް ނުކުމެ އުޅެނިކޮށް ސުމައިދު ގެއްލުން އިރު ހުރީ ކަޅު ކުލައިގެ ޖާޒީއެއް ލައިގެން ކަމަށެވެ. އެ ޖާޒީގައި "ފިޔާތޮށި ރޮގެއްވެސް ހުންނާނެ" ކަމަށް ސުމައިދުގެ ބޮޑުބޭބެ ބުންޏެވެ.
ސުމައިދުގެ ބޮޑުބޭބެ ބުނީ މިވަގުތުވެސް ފުލުހުންނާއެކު ސުމައިދު ހޯދުމުގެ މަސައްކަތުގައި ކަނޑުމަތީގައި ހުރި ކަމަށެވެ. މަހަށް ފުރުމުގެ ކުރިން އާއިލާގެ ބޭފުޅަކާ ގުޅާ ވާހަކަ ދެކެވުނުތޯ ސުވާލު ކުރުމުން ބޮޑުބޭބެ ބުނީ އެކަހަލަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
ސުމައިދު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ބަންޑުން ޖަހާލި ޑިންގީ ވަނީ ފެނިފަ އެވެ. ޑިންގީ ފެނުނީ ޝަންގްރިންލާ ރިސޯޓުގެ ދެކުނު ފަރާތު ފަރުމައްޗަށް ލައްގާފައި ވަނިކޮށެވެ.
ކެޕްޓަން އާޒިމް ވިދާޅުވީ، ދިވެހި ތިން ފިރިހެނުން ތިބި އެ ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ 27 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ އަތްދިގު ޖާޒީއަކާއި ކަޅު ކުލައިގެ ޓްރެކްސޫޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ޑިންގީއެއް ބަންޑުން ޖަހާލިކަމުގެ ރިޕޯޓެއް ސިފައިންނަށް ލިބުނީ މިރޭ 20:30 ކަންހާއިރު ކަމަށެވެ. އަދި ޑިންގީ ބަންޑުން ޖަހާލުމާއެކު އޭގެން ދެ މީހުން ފަތާފައި ޝަންގްރިއްލާ ރިސޯޓަށް އެރި ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑް ހަކުރާ އާއި ހާބާރ ކްރާފްޓް 108 އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.