07 Jun 2017, 13:02
ތެހެރާން (ޖޫން 7): އީރާނުގެ ގާނޫނު ހަދާ މަޖިލީހާއި އެގައުމުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ ޚާމަނާއީގެ މަގުބަރާގައި ބަޑީގެ ހަމަލާތަކެއް ދީފި އެވެ.
އީރާނުގެ އެފްއެންއޭ ނޫހުގައިވާ ގޮތުން ގާނޫނު ހަދާ މަޖިލީހުގައި ދިން ހަމަލާގެ ސަބަބުން ދެ މީހަކު ވަނީ ޒަހަމްވެފަ އެވެ. ނަމަވެސް އެހާދިސާގައި އަނިޔާވި މީހުންގެ އަދަދު އަދި ޔަގީންވެފައި ނުވެ އެވެ.
މަންޒަރު ދުށް ފަރާތަކުން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި ގާނޫނު ހަދާ މަޖިލީހުގައި ދިން ހަމަލާ މިހާރު ވަނީ ހުއްޓާލާފަ އެވެ. އަދި ސަލާމަތީ ފަރާތްތަކުން މަޖިލީހުގެ އެތެރޭގައި އާއި ބޭރުގައި ހަރަކާތްތެރި ވަމުންދާކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުންޏެވެ.
އީރާނުގެ އައިއާރުބީ ނޫހުން މަޖިލިސް މެމްބަރަކާ ހަވާލާދީ ބުނި ގޮތުގައި މަޖިލިހަށް ދިން ހަމަލާގައި އޭކޭ-47 ރައިފަލް ހިފައިގެން ތިބި ތިން މީހަކު ބައިވެރިވި އެވެ. އަދި އެހަމަލާގައި ތިން މީހަކު ޒަހަމްވި ކަމަށް އެނޫހުން ބުނެ އެވެ.
ރިޕޯޓުތަކުގައިވާ މަޖިލިހަށް ހަމަލާ ދިން ވަގުތު ހަތަރު މީހަކު ވަނީ މަޖިލިސް ކައިރީގައި ހުންނަ ޚާމަނާއީގެ މަގުބަރާގައި ވެސް ބަޑީގެ ހަމަލާތައް ދީފަ އެވެ. އޭގެ ތެރެއިން އެކަކު ވަނީ މަގުބަރާގެ ކުރިމަތީ ހުންނަ ޕޮލިސް ސްޓޭޝަނެއްގެ ކުރިމަތީގައި އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއް ދީފައި ކަމަށް އެފްއެންއޭ އިން ބުންޏެވެ.
ރިޕޯޓުތަކުގައިވާ އެހަމަލާގައި ބައިވެރިވި އިތުރު މީހަކު ވެސް އަމިއްލައަށް މަރުވެފައިވާ އިރު، ތިން ވަނަ މީހާ ވަނީ ފުލުހުން ދިން ހަމަލާތަކުގައި މަރުވެފައި އެވެ. އަދި ހަމަލާގައި ބައިވެރިވި ހަތަރު ވަނަ މީހާއަކީ އަންހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް އެފްއެންއޭ އިން ބުންޏެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ދެ ހަމަލާގެ ޒިންމާ ނަގައިފަ އެވެ.