07 Jun 2017, 14:40
ޣައްޒާ (ޖޫން 7): ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ޙަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަވާ ފަދަ ގޮތަކަށް ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވާހަކަ ދައްކަވާފައިވާތީ ކުއްލި ޝޮކެއް ލިބުމުގެ އިތުރުން އެކަމާމެދު ހިތާމަކުރާ ކަމަށް ޙަމާސް ޖަމާއަތުން ބުނެފި އެވެ.
ޙަމާސް ޖަމާއަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސައޫދީ ޚާރިޖީ ވަޒީރުގެ ވާހަކަފުޅަކީ ފަލަސްތީނުގެ މައްސަލައާއި ގުދްސާއި މާތްވެގެންވާ މަސްޖިދުލްއަގްސާ އިސްރާއީލުގެ އަޅުވެތިކަމުން މިނިވަންކުރުމާ މެދު މިހާތަނަށް ސައޫދީ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތުތަކާ މުޅިން ފުށުއަރާ ވާހަކަތަކެއްކަމަށް ވާތީ އެކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ވެސް ކުއްލި ހައިރާންކަމެއް ލިބިފައިވާ ކަމުގަ އެވެ.
ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ފަރަންސޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި އަންގާރަ ދުވަހު ވަނީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުންތައް ކަނޑާލުމަށާއި އެޖަމާއަތްތަކަށް އެހީތެރިވުން ހުއްޓާލުމަށް ގަތަރަށް ގޮވާލައްވާފަ އެވެ. މިމޭރުމުން އާދިލްއަލްޖުބައިރު ދެއްކެވި ވާހަކަފުޅުގައި ގުޅުންތައް ކަނޑާލުމަށް ގަތަރުގެ ކިބައިންއެދިފައި ވަނީ އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ޙަމާސް ޖަމާއަތާއި އިސްލާމީ ފިކުރުގެ ސިޔާސީ ޖަމާއަތެއް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތާ އެވެ.
އިޚްވާން ޖަމާއަތަކީ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރްސީ ނިސްބަތްވެ ވަޑައިގަންނަވާ ޖަމާއަތެވެ. އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އެކިގޮފިތައް އަރަބި އެކި ގައުމުތަކުގައި ސިޔާސީ ޕާޓީތަކުގެ ގޮތުގައި މިހާރު ވެސް ހަރަކާތްތެރިވަމުން ދެ އެވެ. އަދި އެޖަމާއަތަށް ނިސްބަތްވާ ޕާލަމެންޓް މެންބަރުން އަރަބި އެތައް ގައުމެއްގެ ޕާލަމެންޓްގައި މިހާރު ވެސް ހަރަކާތްތެރިވެ އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަކީ ވެސް އިޚްވާން ޖަމާއަތުގެ ފިކުރާ އެއްގޮތް ފިކުރުތަކެއް ގެންގުޅޭ ޕާޓީއެކެވެ. އަދި އިޚްވާން ޖަމާއަތުގެ ގިނަ ލީޑަރުންނަށް އެހީތެރިކަން ފޯރުކޮށްދެނީވެސް ތުރުކީންނެވެ.
ސައޫދީ އާއި ޔޫއޭއީ އާއި ބަހްރައިން އާއި މިސްރުން ވަނީ މިދިޔަ އާދީއްތަ ދުވަހު ވަނީ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާ ކަމުގެ ތުހުމަތާއި ގަލްފުގެ ސަރަހައްދުގައި ހަމަނުޖެހުން ނަގާލައި ސަރުކާރުތައް ވައްޓާލުމަށް ޓަކައި ފިތްނައަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު ގަތަރުގެ މައްޗަށް ކުރުމަށް ފަހު ކުއްލި ގޮތަކަށް ގަތަރާ ޑިޕްލެމެޓިކް ގުޅުންތައް ކަނޑާލިކަން އިއްލާންކޮށްފަ އެވެ.
އަދި މިހަތަރު ގައުމުން ވަނީ ގަތަރާ ދެކޮޅަށް ދަތިކުރުގެ ފިޔަވަޅުތަކާއި ޙިސާރުގެ ފިޔަވަޅުތަކެއް ވެސް އިއްލާންކޮށްފަ އެވެ. މީގެތެރޭގައި މިގައުމުތަކާ ވިޔަފާރިކުރުން ގަތަރަށް މަނާކުރުމާއި މިގައުމުތަކުގެ ވަޔާއި ކަނޑާއި އެއްގަމުގެ ސަރަހައްދު ގަތަރަށް ބަންދުކުރުމާއި މިގައުމުތަކުގެ އެއްވެސް ބަނދަރެއް ގެ ބޭނުންކުރުން ގަތަރަށް މަނާކުރުންވެސް ހިމެނެ އެވެ.
މީގެއުތުރުން މިގައުމުތަކުގައި ތިއްބަވާ ގަތަރުގެ ޑިޕްލޮމޭޓުން ބޭރުކޮށްލުމަށާއި ގަތަރުގެ އާންމު ރައްޔިތުން އެގައުމުތަކުން ބޭރުކޮށްލުމުގެ ހަރުކަށި ނިންމުންތަކެއް ވެސް އެގައުމުތަކުން ވަނީ ގަތަރާ ދެކޮޅަށް ނިންމާފަ އެވެ. މިނިންމުންތަކާ ބެހޭ ގޮތުން ސައޫދީ ޚާރިޖީ ވަޒީރު ވިދާޅުވީ މިއީ ގަތަރުގެ ސިޔާސަތުތައް ބަދަލުކޮށް ގަތަރު އިސްލާޙް ވުމަށް ދިންފުރްސަތެއް ކަމަށާއި ރަނގަނޅުގޮތް އިޚްތިޔާރު ކުރުން އޮތީ ގަތަރުގެ އަތްމަތީގައި ކަމުގަ އެވެ. އަދި ގަތަރާ ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކަކީ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް އެޅި ފިޔަވަޅުތަކެއް ނޫންކަމަށް ވެސް ސައޫދީ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
އީރާނާ ދެކޮޅަށް މަސައްކަތް ކުރުމަށް ޓަކައި ސައޫދީ އާއި އިސްރާއީލާ ދެމެދު ނުސީދާ މުޢާމަލާތްތަކެއް ހިނގަމުންދާތާ ދުވަސްތަކެއް ވެއްޖެކަން އިސްރާއީލުގެ މީޑީޔާއިން ހާމަކޮށްފައިވެ އެވެ. މިކަމާބެހޭ ގޮތުން ސައޫދީ ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އިސްރާއީލާއި ސައޫދީން ވެސް އެންމެ ބޮޑު ދުޝްމަނެއްގެ ގޮތުގައި ބަލާގައުމަކީ އީރާނެވެ. އީރާނަކީ އިސްރާއީލު ނައްތާލުމަށް ފާޅުގައި ގޮވާލާ ގައުމެކެވެ. އަދި އީރާނުން ހަމާސް އަށް އަސްކަރީ ގޮތުން އެހީތެރިވާކަމަށް ވެއެވެ. (އަލްޖަޒީރާ)