07 Jun 2017, 18:17
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހަ ކުންފުންޏަށް ދިނުމުގައި ކޮރަޕްޝަން އެކުލެވޭތީ، އެ ކުންފުނިތަކަށް ދިން ހުއްދަ އަލުން ހަތަރު ކުންފުންޏަކަށް އެ ހުއްދަ ސަރުކާރުން ދީފި އެވެ.
އަލުން ހުއްދަ ދިން ކުންފުނިތަކުގެ ތެރޭގައި ކުރިން ވެސް އެ ހުއްދަ ދިން ހަތަރު ކުންފުނި ހިމެނެ އެވެ. ނަމަވެސް ކުރިން ހުއްދަ ދިނުމަށްފަހު މިފަހަރު ހުއްދަ ނުދެނީ ދަރުމަ ލިލްޙައްޖި ވަލްޢުމްރަތި ޕްރައިވެޓް ލިމިޓެޑާއި ކިސްވާ ޕްރައިވެޓް ލިމިޓެޑަށެވެ.
ސަރުކާރުގެ ގެޒެޓްގައި މިއަދު ޝައިއުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އަމިއްލަ ތިން ކުންފުންޏަކާއެކު ހައްޖު ކޯޕަރޭޝަނަށް ވެސް ދީފައިވާ ކަމަށެވެ.
ހުއްދަ ދިން ހަތަރު ކުންފުނި
- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
- ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑް
އިސްލާމިކް މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވަނީ އެ ހަތަރު ކުންފުންޏަށް ހުއްދަ ދޭން ނިންމީ "އެންމެ މަޞްލަޙަތު ހުރި ގޮތްކަމުގައި ފެންނާތީ" ކަމަށެވެ.
"ޙައްޖާޖީންގެ ދަތުރުތައް ހަމަޖެއްސުމުގައި އެއާލައިންތަކުން ކުރިމަތިވެދާނެ ދަތިތަކެއް ހުރިކަމަށް ފެންނާތީ އާއި، މިފަދަ ނާޒުކު ޙާލަތެއްގައި ދިވެހި ޙައްޖާޖީންނަށް މި މަތިވެރި އަޅުކަން އަދާކުރުމުގައި ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ މަޞްލަޙަތު ހުރި ގޮތްކަމުގައި ފެންނާތީ،" އިސްލާމިކް މިނިސްޓްރީގެ އިއުލާންގައިވެ އެވެ.
ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް ލިބެނީ 1000 ކޯޓާ އެވެ. ނަމަވެސް މިދިޔަ އަހަރު 2،000 މީހުން ރާއްޖެއިން ހައްޖަށް ގެންދިއުމުގެ ހުއްދަ ލިބުނެވެ. މިފަހަރު ހައްޖަށް މީހުން ގެންދިއުމުގައި ކޯޓާ ބަހާ އުސޫލެއް އަދި އާންމެއް ނުކުރެ އެވެ.