07 Jun 2017, 21:21
ސްކޮޓްލޭންޑަށް އުފަން ޖޭމްސް އަކީ މެދު ފަންތީގެ އާއިލާ އަކަށް ނިސްބަތްވާ މީހެކެވެ.
ކްރިސްޓިއަން އާއިލާ އަކަށް އުފަންވުމުގެ ސަބަބުން، ކަލަކު ވާކަމަށް އޭނާ އަބަދު ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް އެއްވެސް ވަރަކަށް ދީނުގެ ކަންކަމުގައި މަޝްއޫލުވެ ނޫޅެ އެވެ.
ޖޭމްސް ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެއާ ފޯސްގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި އެއަށްފަހު ބޮޑު ކުންފުންޏަކާ ގުޅި، ވިޔަފާރީގެ ދާއިރާ އިން ކިޔެވުމަށް ލަންޑަނުގައި އެއް އަހަރު ހޭދަ ކުރި އެވެ. އެއީ ޖޭމްސް އަށް މުސްލިމުންނާ ބައްދަލުވި ފުރަތަމަ ފަހަރެވެ. އެއީ 1949-1952 އާ ދެމެދުގެ އަހަރުތަކުގަ އެވެ. އޭރު ކީރިތި ޤުރްއާނާއި އިސްލާމް ދީނާ ގުޅޭ ބައެއް މައުލޫމާތު އޭނާ އަށް ލިބުނެވެ. ނަމަވެސް ދީން އުނގެނުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތެވެ.
އޭގެ ފަހުން ޖޭމްސް ވަނީ އިނގެރޭސިވިލާތުގައި ވެސް އެއް އަހަރު ދިރިއުޅެފަ އެވެ. އެއަށްފަހު ޖޭމްސް ދެން މަސައްކަތް ކުރީ ހޮންގ ކޮންގ ގައެވެ. އެއަށްފަހު ދެން ދިޔައީ އެފްރިކާގެ ޒިމްބާބްވޭ އަށެވެ.
ސިއްހީ ދާއިރާ އާ ގުޅިގެން އޭނާ އަދާކުރަމުން ދިޔައީ މަދިރި މަރާ މީހެއްގެ ވަޒީފާ އެވެ. އެކި ކަންކޮޅުތަކަށް ދަތުރު ކުރުމަށް ފަހު އަލުން ލަންޑަނަށް ބަދަލުވީ 2003 ވަނަ އަހަރު އެވެ. ޖޭމްސް އަށް މިހާރު ދަތުރު ކުރެވިއްޖެ އެވެ. ދުނިޔޭގެ ކަންކަން ދެނި ދެނިވެ ނިމިއްޖެ އެވެ. މީހާ މިހާރު އުމުރުން ދުވަސްވެ ހަށިގަނޑު ނިކަމެތި ވެއްޖެ އެވެ. މިވީ ހުރިހާ ދުވަހު ވެސް ދީނީ އެއްވެސް ކަމެއް އޭނާ ނުކުރެ އެވެ. ކަލަކު ވާކަން ގަބޫލު ކުރި ނަމަވެސް، ކަލާނގެ އަށް އެއްވެސް ނަމާދެއް ނުވަތަ ދުއާ އެއް ކޮށްފަ އެއް ނުވެ އެވެ. އެހެންކަމުން ބާކީ އޮތް ދުވަސްތަކުގައި ދީނީ ކަންކަމައިގެން އުޅުމަށް އޭނާ ނިންމި އެވެ. ކްރިސްޓިއަން އާއިލާ އަކަށް އުފަންވި ނަމަވެސް، އީސާގެ ފާނަކީ ކަލާނގެ ނޫންކަން ޖޭމްސް އަށް އަބަދު ވެސް އެނގެ އެވެ. އަދި ހައްގު ދީނަކީ އިސްލާމް ދީން ކަން އޭނާގެ ހިތުގައި އޮވެ އެވެ. ސަބަބެއް ނޭނގެ އެވެ. ޖޭމްސް އަކީ މުއްސަނދި މީހެއް ނޫން ނަމަވެސް، އެފްރިކާގެ ފަގީރުންނަށް ފައިސާ ފޮނުވާ ހަދަ އެވެ. އޭނާ ފައިސާ ފޮނުވަން ގޮސް އުޅޭ ތަނަކީ ސޯމާލިއާ އަށް ނިސްބަތްވާ މުސްލިމަކު ހިންގާ ތަނެކެވެ. ވަރަށް ދީންވެރި ހެޔޮލަފާ މީހެކެވެ. އިސްލާމް ދީން ދަސްކުރުމަށް އިސްލާމިކް ސެންޓަރަކަށް ޖޭމްސް ދިޔައީ އޭނާގެ އެހީތެރިކަމާ އެކު އެވެ. އެއަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ، އިސްލާމިކް ސެންޓަރަށް ގޮސް ޖޭމްސް ވަނީ އިސްލާމްވެފަ އެވެ.
އެއީ 2008 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އަލްޙަމްދުލިﷲ! އެއީ ޖޭމްސްގެ ހަޔާތުގައި އޭނާ ނިންމި އެންމެ ރަނގަޅު ނިންމުން ކަމަށް ގަބޫލު ކުރެ އެވެ. އެފަދަ އުފާވެރިކަމެއް އޭނާ އަށް ދުނިޔެ މަތިން އަދި ނުލިބެ އެވެ. ޖޭމްސް މިހާރު ވަނީ ހައްޖުގެ މާތް އަޅުކަން ވެސް އަދާކޮށްފަ އެވެ. އުމުރުން 85 އަހަރުގަ އެވެ. ހައްޖުގެ އަޅުކަން އަދާކުރުން ވެގެން ދިޔައީ އޭނާ އަށް ފަސޭހަ ކަމަކަށް ނޫނެވެ. ނަމަވެސް ﷲގެ އިރާދަފުޅުން އޭނާ އަށް ވަނީ ގެފުޅުގައި ބީހުމުގެ ފުރުސަތު ވެސް ލިބިގެން ގޮސްފަ އެވެ.
މުސްލިމް އުންމަތަށް ޖޭމްސް ދޭން ބޭނުންވާ މެސެޖަކީ މިއީ އެވެ. "އަމިއްލަ ނަފްސާ މެދު ވިސްނާލާށެވެ. ތިމާގެ އުމުރު ތި ހޭދަކުރަނީ ހެޔޮ ގޮތުގައި ހެއްޔެވެ؟ ރަނގަޅު ދިރިއުޅުމެއް އުޅެވޭ ކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ ތިމާގެ އަމަލުތަކާ މެދު ވިސްނާލުމުން، ގޯސް ކަމެއް ކުރެވޭ ކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ ދިރިއުޅުން މިހާރަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތަކާ މެދު ވިސްނަމު ހެއްޔެވެ؟ މިސާލަކަށް ދަހިވެތިކަމާ ދުރުވެ، ނިކަމެތިންނަށް އެހީތެރިވުން ކިހިނެތް ވާނެ ހެއްޔެވެ؟ އެއްކައުވަންތަ ރަސްކަލާނގެ ހަނދުމަ ކުރުން އިތުރު ކުރާށެވެ. އޭރުން އެކަލާންގެ ތިމާ އާއެކު އަބަދުވެސް ވާކަމުގެ އިޙްސާސް ކުރެވޭނެ އެވެ. އެއްވެސް ކަމަކާ މެދު ވާހަކަ ދައްކަން ބޭނުން ނަމަ، ނުވަތަ ހިތުގައި ސުވާލު އުފެދޭ ނަމަ، ދީނުގެ ކަންކަން ދަންނަ މީހެއްގެ ކިބައިން އެކަންކަން އޮޅުން ފިލުވާށެވެ. ހިތަށް ހަމަޖެހުން ލިބޭނެ އެވެ. ވަގުތު ފާއިތުވުމުގެ ކުރިން އަވަސް ކުރާށެވެ."