މާލޭ ގެސްޓް ހައުސް އަކަށް ބަޔަކު ވަދެ ކަޓަރުން ބިރު ދައްކައި އެތަނުގައި ދިރިއުޅެމުން ދިޔަ ދެ މީހެއްގެ އަތުން ފޭރިއްޖެ އެވެ.

މާފަންނުގައި ހުންނަ ގެސްޓް ހައުސްގައި ދިރިއުޅޭ އަންހެން ކުއްޖަކު މިއަދު ސަން އަށް ކިޔައިދިން ގޮތުގައި ރޭ 3.30 އެހާކަންހާއިރު، އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރުފަތުގައި ވަރަށް ބާރަށް ޖަހައި ބިރުދައްކައިގެން ބަޔަކު ވަދެފައިވާ ކަމަށެވެ.

"ދޮރު ހުންނާނީ ތަޅުލާފައި، އެމީހުން ބުނީ ދޮރު ނުހުޅުވައިފިއްޔާ މަރާލާނަމޭ، ދެން ދޮރު ހުޅުވީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ދެ ފިރިހެނުން މޫނު ވެސް ނިވާނުކޮށް ވަންއިރު އެކަމަށް ހުރަސް އަޅަން އެ ގެސްޓު ހައުސްގައި ދިރިއުޅޭ އެހެން ފިރިހެން ކުއްޖަކު އައުމުން އޭނާ އަށް ވެސް ކަޓަރުން ބިރު ދެއްކި ކަމަށެވެ.

"އަހަރެމެންގެ ކަރުގައި ކަޓަރު ޖެއްސީ، ދެން ބުނީ ގެންގުޅޭ ހުރިހާއެއްޗެއް ދޭށޭ،" އެއަންހެން ކުއްޖާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި އޭނާގެ ފޯނާއި ލެޕްޓޮޕްގެ އިތުރުން ފިރިހެންކުއްޖާގެ ފޯނާއި ވޮލެޓް ވެސް އެމީހުން ވަނީ ގެންގޮސްފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.