ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް ކުނި އުކުމުގެ ސާވިސް ފޯރުކޮށްދިނުމަށްޓަކައި އެ ޚިދުމަތަށް ރަޖިސްޓްރީ ނުވާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގެ ގޮތުން އެކުންފުނިން ޑޯޓުޑޯ ކެމްޕޭނެއް ފަށައިފިއެވެ.

ވެމްކޯގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު، މުހައްމަދު އިގްބާލު ވިދާޅުވީ މޭއި މަހުން ފެށިގެން މުޅި މާލެއަށް ވޭސްޓް ކަލެކްޝަންގެ ޚިދުމަތް ދޭން ފަށާފައިވާއިރު، ގަވާއިދާ ޚިލާފަށް ކުނި އުކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭ އުސޫލެއް މިހާރު އާންމުކޮށްފައިވާ ކަމަށެވެ. އެ ގަވާއިދަށް ޖުލައި މަހުން ފެށިގެން އަމަލު ކުރަން ފަށާ އިރު އެކުންފުނިން އެކަމާ މެދު އާންމުން ހޭލުންތެރި ކުރުވަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކުންފުނީގެ ކަލެކްޝަން ސާވިސް މެނޭޖަރު ހިދާޔާ ނަސީރު ވިދާޅުވި ގޮތުގައި މާލޭގައި 25،000 ގޭބިސީ ހުރި އިރު ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ އަދަދު އަދިވެސް ވަރަށް މަދެވެ. އެގޮތުން އެކުންފުނީގެ ޚިދުމަތް ލިބިގަތުމަށް ރަޖިސްޓްރީ ވެފައިވަނީ އެންމެ ހަ ޕަސެންޓު މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދުން ފެށިގެން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކެމްޕެއިން ކުރިއަށްދާއިރު ވެމްކޯގެ މުވައްޒަފުން ގޭގެއަށް ދާނީ ދުވާލު ގަޑީގައިއާއި ރޭނގަޑު 20:00 އިން 22:00 އަށެވެ.

"އެކުދިން ގޭގެއަށްގޮސް ވަގުތުން ބޭނުމިއްޔާ ފޯމު ފުރައިދީ ރަޖިސްޓްރީވެސް ކޮށްދޭނެ،" ހިދާޔާ ވިދާޅުވިއެވެ.

ޖުލައި މަހުން ފެށިގެން މާލެ ސަރަހައްދުގެ ކުނި ނައްތާލުމުގެ މަސައްކަތް ގާނޫނީ ގޮތުން ކުރަން ޖެހެނީ ވެމްކޯއިން ކަމަށްވާއިރު އެކުންފުނިން އެދެނީ ވީހާވެސް އަވަހަކަށް އެކުންފުނީގެ ޚިދުމަތަށް ރަޖިސްޓްރީ ކުރުމަށެވެ. މިއަދު ފެށި އެ ކެމްޕެއިންގެ ދަށުން ހުރިހާ ބޭފުޅުންވެސް އޭގެ ބެނުން

ވެމްކޯއިން ކުނި އުކައިދޭ ފީއަކީ ކޮންމެ ގެއަކުން 150 ރުފިޔާއެވެ. އަދި މުޅި އިމާރާތް އެއްކޮށް ރަޖިސްޓާ ކުރުމަށް ފަހު ކުނި ކޮތަޅު އިމާރާތުގެ ތިރީގައި ޑަސްބިންކޮށްފައި ބަހައްޓާ ނަމަ ކޮންމެ އެޕާޓްމަންޓަކުން 100 ރ. ގެ ފީއެއް ނަގާނެ އެވެ. އެ ފީ ދައްކަން ޖެހޭނީ ކޮންމެ މަހެއް ނިމުމުން ވެމްކޯގެ އޮފީހަށެވެ.