09 Jun 2017, 11:12
މެކްސިކޯއަށް އުފަން ލަތީސިއާ އުޅެ ބޮޑުވީ ކެލިފޯނިއާގެ ކުޑަ އަވަށެއްގައެވެ. އޭނާގެ އާއިލާ އަކީ ކްރިސްޓިއަން އާއިލާ އެކެވެ. އޭނާގެ މައިންބަފައިންނާ ހިސާބުން ފެށިގެން ހޫރު ކާފައިންނަކީ ވެސް އެ ދީނުގެ މީހުންނެވެ. ކްރިސްޓިއަން ދީން ނޫން އެހެން ދީނެއްގެ މީހަކު އެ އާއިލާގައި ދުވަހަކު ވެސް އުޅުނު ކަމެއް ނޭނގެއެވެ.
އެހެން ނަމަވެސް އުމުރުން 13 އަހަރުގައި ލަތީސިއާ ވަނީ ކްރިސްޓިއަން ދީނުގެ އަސާސްތަކާ މެދު ސުވާލު އުފައްދަން ފަށައިފައެވެ. އޭނާއަށް ދީނުގެ ކަންކަން އޮޅުން ނުފިލާތީއެވެ. ފައްޅީގެ ފާދިރީންނަށް ކައިވެނި ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ އެފަދަ ސުވާލުތައް ކުރަން ފެށުމުން އޭނާއަކީ ބަސް ގަބޫލު ނުކުރާ ބޯހަރު ކުއްޖެއް ކަމުގައި ބުނަން ފެށިއެވެ.
ދީނުގެ ކަންކަން އޮޅުން ނުފިލުމުން، އަދި އޭނާގެ ސުވާލުތަކަށް ޖަވާބު ނުލިބުމުން 13 އަހަރުގައި ލތީސިއާ ފައްޅިއަށް ދިއުން ހުއްޓާލީއެވެ. އަދި އޭނާގެ ދިރިއުޅުމުގައި ކޮންމެސް އެއްޗެއް މަދުވާކަމުގެ އިޙްސާސް ކުރެވޭތީ، އެކި ދީންތަކުގެ ކަންކަން ބަލައި، ސުވާލު ކުރަން ފެށިއެވެ.
ލަތީސިއާ، ޔުނިވާސިޓީ އޮފް ސެން ފްރާންސިސްކޯއަށް ދާން ފެށީ އުމުރުން 17 އަހަރުގައެވެ. އޭނާއަށް ފުރަތަމަ ފަހަރަށް މުސްލިމަކާ ދިމާވީ އެތަނުންނެވެ. ފުރަތަމަ އެއީ މުސްލިމެއް ކަމެއް ލަތީސިއާ އަކަށް ނޭނގެއެވެ. އެ އަންހެން މީހާ ބުރުގާ އަޅާފައި ހުރުމުން ލަތީސިއާ ހީކުރީ، ކެންސަރު ބަލީގައި ބޮލުގެ އިސްތަށިތައް ފޭބުމުން، ތަލަ ފޮރުވަން އެ އަންހެން މީހާ ބުރުގާ އަޅާފައި ހުރީ ކަމަށެވެ. އެހެން ކަމުން ބުރުގާ އާ ގުޅޭގޮތުން އޭނާ އެ އަންހެން މީހާ އާއި ސުވާލު ކުރި އެވެ.
ޖަވާބުގައި އެ އަންހެން މީހާ ބުނީ ބުރުގާ އަޅާފައި ހުރީ ކެންސަރު ބަލީގެ ސަބަބުން ނޫން ކަމަށާއި އޭނާ ބުރުގާ އަޅާފައި ހުރީ މުސްލިމަކަށް ވީމާ ކަމަށެވެ.
"މުސްލިމް" އެ ބަސް އަޑު އިވުމާ އެކު ލަތީސިއާގެ މޫނު "ކުނިވި"އެވެ. އަދި މޫނަށް ވައްތަރެއް ޖައްސައިލިއެވެ. އެކަމާ ގުޅިގެން އެ އަންހެން މީހާ ސުވާލު ކުރިއެވެ.
ލަތީސިއާ ބުނީ މުސްލިމުންނަކީ އަމިއްލަ ނަފްސަށް ގެއްލުންދޭ ބައެއް ކަމަށެވެ. އަދި މުސްލިމުން އަމިއްލަ ހަށިގަނޑުގައި ތޫނު އެއްޗެހިން ތަޅައި ލޭ އޮހޮރުވާ ކަމަށެވެ. ނަމަވެސް ލަތީސިއާއަށް އިސްލާމް ދީނާ ގުޅޭގޮތުން ލިބިފައި ވަނީ ތެދު މައުލޫމާތު ނޫން ކަމަށް ބުނެ، އިސްލާމް ދީނާ ގުޅޭ ފޮތްތަކާއި އޯޑިއޯ ތައް ލަތީސިއާއަށް ދިނެވެ.
އިސްލާމް ދީނާ ގުޅޭ މައުލޫމާތު ލިބުމުން ލަތީސިއާއަށް ބޮޑު ޝޮކެއް ލިބިގެން ދިޔައެވެ. އިސްލާދީނުގެ މާތް ކަމަށާއި ރިވެތިކަން އޭނާއަށް ކުރިން އެނގިފައެއް ނުވެއެވެ.
އެއް ރެއެއްގެ 7:30 ހާއިރު އޭނާ ބައިސްކަލުގައި ދުއްވާފައި ދިޔައީ ކްލާހަށް ގަޑި ޖެހޭތީ އެވެ. މަގުތައް އަނދިރިއެވެ. އޭރު އޭނާގެ ހިތުގައި އެނބުރެމުން ދިޔައީ އިސްލާމް ދީނާ ގުޅޭ ސުވާލުތަކެވެ. އޭނާ އިސްލާމް ވާން ބޭނުމެވެ. ނަމަވެސް ކުރަން މި އުޅެވެނީ އެންމެ ރަނގަޅު ކަމެއްތޯ ހިތާހިތުން ސުވާލު ކުރަމުން ދިޔައެވެ.
ކުއްލިއަކަށް ބާރު އަޑެއް އޭނާއަށް އިވުނެވެ. އޭނާ ވަގުތުން ބައިސްކަލު ހުއްޓާލައި ބަލައިލިއެވެ. އެއީ ކޮން އަޑެއް ކަމެއް، އަޑު އައީ ކޮން ދިމާލަކުން ކަމެއް ނޭނގެއެވެ. ނަމަވެސް ކުރިމަތީގައި އޮތް ބޮޑު ވަޅުގަނޑަކަށް އެވަގުތު މަގުމަތީގައި ހުރި ކޯނެއް ވެއްޓުނެވެ. އޭނާއަށް އަޑު އިވިގެން މަޑު ކުރެވުނުކަން ނަސީބެވެ. ކުރިމަތީގައި އޮތީ ފުން ވަޅުގަނޑެކެވެ.
އެހިސާބުން އޭނާއަށް ވިސްނުނީ އެއީ އޭނާއަށް ލިބުނު އިޝާރާތެއް ކަމަށެވެ. ތެދު މަގަށް ފުރަގަސްދީފި ނަމަ، އޭނާއަށް މުސްތަގުބަލުގައި ފައިދާ ނުކުރާނެކަން ވިސްނުނެވެ.
އެހެންކަމުން ކުރިން ދިމާވި މުސްލިމް އަންހެން މީހާގެ ގާތަށް ގޮސް އޭނާ އިސްލާމް ވާން ބޭނުން ވާހަކަ ބުންޏެވެ. އެކުވެރިޔާ އެދުނީ އަވަސް އަރުވާލައިގެން އެފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ބަދަލުގައި އިސްލާމް ދީނާ ގުޅޭގޮތުން އިތުރަށް ކިޔައި އުނގެނޭށެވެ. އެހެންކަމުން ލަތީސިއާ މަރްޔަމް ސޫރަތް ކިޔަވައި، ސޫރަތުގެ ތަރުޖަމާ ކިޔެވެ.
އޭނާ އިސްލާމް ވާން ބޭނުންވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވީ އެހިސާބުންނެވެ. އިސްލާމް ދީނުގައި އަންހެނުންނަށް އެހާ މަތީ ދަރަޖަ އަކާއި ޤަދަރެއް ލިބިދީފައި ވާނަމަ، އެ ދީނުގެ އަހުލުވެރިއަކަށް ވާން ލަތީސިއާ ބޭނުންވިއެވެ.
ލަތީސިއާ އިސްލާމް ދީން ގަބޫލު ކުރީ އޭނާގެ އުމުރުން 17 އަހަރުގައެވެ. މިހާރު އެއީ ލައިލާ އެވެ.
އިސްލާމް ދީނުގެ ސަބަބުން ލައިލާ އަކީ ޚުލްޤު ހެޔޮ، މާތް މީހެއް ކަމުގައި އޭނާ އަށް އިޙްސާސް ކުރެވެއެވެ. އޭނާ އަކީ މިހާރު ކަންކަމުގައި ކެތްތެރިވާން ދަންނަ، އެހެން މީހުންނާ މެދު ހަމްދަރުދީވާ މީހެކެވެ.
މީގެ 30 އަހަރު ކުރި ނަމަ މީހަކަށް ފައިސާ ދެނީ އަނބުރާ އެ ފައިސާ ބޭނުންވާ ކަން ހިތުގައި ބާއްވައިގެންނެވެ. އަދި ފައިސާ އަނބުރާ ހޯދަން ތަކުރާރުކޮށް ބުނެވެއެވެ. ނަމަވެސް މިހާރު އޭނާ މީހުންނަށް ފައިސާ ދީ ހަދަނީ ހަދިޔާގެ ގޮތުގައެވެ. އަނބުރާ ލިބިއްޖެ ނަމަ އެ ފައިސާގައި ހިފާނެއެވެ. އިސްލާމް ދީނުގެ ސަބަބުން، ދުނިޔަވީ ކަންކަމަށް އޭނާގެ ހިތް މިހާރު ނުލެނބެއެވެ.
ލައިލާ ވަނީ ވަރަށް ގިނަ ދީންތަކުގެ މައުލޫމާތު ހޯދައިފަވެ. އަމިއްލައަށް ސުވާލުކޮށް، ދީނުގެ ކަންކަން ހޯދައިފައެވެ. ކޮންމެ ދީނަކުން ވެސް އޭނާއަށް ފޫނުބެދޭ ކަންކަން، ނުވަތަ ޖަވާބު ނުލިބޭ ކަންކަން ފާހަގަވިއެވެ. ނަމަވެސް އިސްލާމް ދީން ވަރަށް ފުރިހަމައެވެ. އޭނާގެ ހިތުގައި ހުރި ސުވާލުތަކުގެ ޖަވާބު ލިބުނެވެ.
--------------------
ނޯޓް: މި ލިޔުމަކީ، އިސްލާމްދީން އަލަށް ގަބޫލުކުރާ ފަރާތްތަކާ ގުޅޭގޮތުންނާއި، އިސްލާމްދީނާ މެދު މީސްތަކުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތްކުރާ ޖަމާއަތެއްކަމަށްވާ "overcome.tv"ގެ ޔޫޓިއުބް ޗެނަލްގައި ޝާއިއުކޮށްފައިވާ ވީޑިއޯއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.