11 Jun 2017, 12:33
އަގުހެޔޮކޮށް ފޯންފަދަ ތަކެތި ގެނެސްދޭ ކަމަށް ބުނެ ފޭސްބުކްގައި ހިންގާ ޕޭޖަކުން އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ ނަގަމުން އަންނަ މައްސަލަ ފެންމަތިވެއްޖެ އެވެ.
ޕްރީއޯޑާގެ ނަމުގައި ފޭސްބުކްގައި ހިންގާ އެ ފޭސްބުކް ޕޭޖުން އެންމެ ފަހުގެ ފޯނުތަކާއެކި އެކިއެކި ފޯނާއި ގުޅުންހުރިތަކެތި ވަރަށް އަގުހެޔޮކޮށް ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ. ފައިސާ ދައްކާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަކެތި ގެނެސްދޭނެ ކަމަށް އެޕޭޖުގައި ބުނެފައިވެއެވެ.
އެ ޕޭޖު މެދުވެރިކޮށް ފޯން ގެނައުމަށް ފައިސާ ދެއްކި އެތައް ބަޔަކު ސަން އަށް މައުލޫމާތު ދިން ގޮތުގައި ފައިސާ ނެގުމަށް ފަހު ދެން އެޕޭޖް ހިންގާ މީހާގެ ހަބަރެއް ނުވެއެވެ. އަދި ފޯނެއް ގެނެސްނުދެއެވެ.
"އަޅުގަނޑު އޯޑަރު ދިނީ ސެމްސަންގް އެސް8 އަކަށް، ބުނި 10 ދުވަސް ތެރޭ ގެނެސް ދޭނަމޭ، ދެން ފައިސާ ދެއްކީމަ ފޮނުވާ އޭނާ {ޕޭޖް ހިންގާ މީހާ} ގެ އައިޑީކާޑް، ބުނަނީ ތިއީ އިތުބާރަކަށޭ، ދެން ފަހުން ނުވޭ ހަބަރެއް،" ލަނޑު ލިބުނު މީހަކު ބުންޏެވެ.
ބައެއް ފަހަރު ވަރަށް މަސައްކަތުން، އެތައް ދުވަހެއް ފަހުން ފައިސާ އަނބުރާ ދޭ ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.
"ބޮޑަށް ހީވަނީ ބައިވަރު މީހުން އަތުން ފައިސާ ނަގައިގެން އޭނަ ކޮންމެވެސް ވިޔަފާރިއެއް ހިންގަނިއްޔޭ، ގިނަ މީހުން އަތުން ނެގީމަ ބައިވަރު ފައިސާ ލިބޭނެތާ،" އެ މައްސަލަ ބަލަމުން އަންނަ ފަރާތަކުން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީގައި އެ ޕޭޖް ރަޖިސްޓްރީކޮށްފައި ވަނީ މުހައްމަދު ނަސީމް ނަމަކަށް ކިޔާ މީހެއްގެ ނަމުގައެވެ. ފައިސާ ދައްކާ މީހުންނަށް އިތުބާރެއް ކަމަށްބުނެ ފޮނުވާ އައިޑީކާޑުގައިވާ ނަމަކީ މޫސާ ނަހުޒާން ނަސީމެވެ.
އެ މައްސަލާގައި ފުލުހުން ވަނީ މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެއެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ އެ ވިޔަފާރި އާއި ގުޅޭ ހަ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާއިރު ފުލުހުން މެދުވެރިކޮށް ފައިސާ ދީފައިވާ ކަމަށެވެ. އަދި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ތުހުމަތުތަކާ ގުޅިގެން އެ ޕޭޖް ހިންގާ ފަރާތްތަކުގެ ބަހެއް ހޯދުމަށް ޕޭޖުގައި ޖަހާފައިވާ ނަމްބަރުތަކަށް ގުޅަން ކުރި މަސައްކަތް ވަނީ ކާމިޔާބްވާގޮތްނުވެފަ އެވެ.