11 Jun 2017, 14:46
ދިމިޝްގު (ޖޫން 11): އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަރު އަބޫ ބަކުރު އަލް ބަގުދާދީ މަރާލައިފި ކަމަށް ސީރިއަން ސްޓޭޓް ޓީވީން ބުނެފި އެވެ.
ސީރިއާގެ ދައުލަތުގެ މީޑިއާ އިން ބުނި ގޮތުގައި ބަގުދާދީ މަރުވީ އިއްޔެ ރައްގާއަށް ދިން ވައިގެ ހަމަލާތަކެއްގަ އެވެ. ނަމަވެސް ބަގުދާދީ މަރުވިކަމުގެ އެއްވެސް ހެއްކެއް އެމީޑިއާއިން ދައްކާފައި ނުވެ އެވެ.
އަދި ރައްގާގައި އިއްޔެ ދިން ވައިގެ ހަމަލާތަކުގައި ހަ މީހަކު މަރުވި ކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުން ބުނި ނަމަވެސް، އޭގެ ތެރޭގައި ބަގުދާދީ ހިމެނޭ ކަމަށް އެމީހުން ބުނެފައި ނުވެ އެވެ.
މީގެ އިތުރުން އައިއެސްގެ ހަނގުރާމަވެރިން މަރުވުމުން އެކަން އިއުލާން ކުރާ އަމާގު ނޫހުން ވެސް އެފަދަ އިއުލާނެއްކޮށްފައި ނުވެ އެވެ.
ބަގުދާދީ މަރުވި ކަމަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ހަބަރު ފެތުރިފައިވެ އެވެ. އަދި މިދިޔަ ޖެނުއަރީ މަހު އޭނާ ޒަހަމްވެ، ހާލު ސީރިއަސްވި ކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެން އެމެރިކާގެ ޕެންޓަގަން އިން ވަނީ ބަގުދާދީ މަރުނުވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭރު ބުނެފަ އެވެ.
އިރާގުގެ ސަރުކާރުން ބުނާ ގޮތުގައި 1971 ވަނަ އަހަރު ބަގުދާދީ އުފަންވީ އެގައުމުގެ ސަމައްރާއަށެވެ. އަދި އެމެރިކާ އިން އޭނާގެ ބޮލަށް 25 މިލިއަން ޑޮލަރު ހުށަހަޅާފައިވާ ބަގުދާދީ ވަނީ މީގެ ކުރިން އެމެރިކާގެ އަސްކަރީ ޖަލެއްގައި ހުކުމެއް ތަންފީޒުކޮށްފަ އެވެ.