ވޮޝިންޓަން (ޖޫން 12): ނިއު ޔޯކުގެ ކުރީގެ ޕްރޮސެކިއުޓަރެއް ކަމަށްވާ ޕްރީތް ބަރާރާ މަގާމުން ވަކިކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޯނު ކޯލަށް ޖަވާބު ނުދެއްވުމުން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ބަރާރާ ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ކޯލަށް އޭނާ ޖަވާބު ނުދެއްވީ، އެ ކޯލަކީ ވެރިކަން ކުރާ ފަރާތްތަކާއި މިނިވަން ޖިނާއީ މައްސަލަތައް ބަލާ ފަރާތްތަކާ ދެމެދު އޮންނަ ރޮނގު ހުރަސް ކުރުން ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާތީ އެވެ. އަދި އޭނާ މަގާމުން ވަކި ކުރީ ޓްރަމްޕްގެ ކުރެއްވި ތިން ވަނަ ކޯލަށް ޖަވާބު ނުދެއްވުމުން ކަމަށް ބަރާރާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި ޕްރޮސެކިއުޓަރު ކަމަށް އައްޔަން ކުރި ބަރާރާ ވިދާޅުވި ގޮތުގައި 2016 ވަނަ އަހަރު އޭނާއާ ޓްރަމްޕާ ބައްދަލުވި ފަހުން ޓްރަމްޕް ވަނީ ދެބޭފުޅުންގެ މެދުގައި ގުޅުން ބަދަހި ކުރަން މަސައްކަތްކުރައްވާފަ އެވެ.

ނަމަވެސް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމުން އެފަދަ ގުޅުމެއް ބޭއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބަރާރާއަށް ވިސްނުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސް އޮބާމާ ވެރިކަމުގެ ހުވާ ކުރެއްވި ފަހުން އޭނާއަށް އެންމެ ފަހަރަކު ވެސް ގުޅުއްވާފައި ނުވާ ކަމަށާއި އެކަން އޮންނަން ވާނީ ވެސް އެގޮތަށް ކަމަށް ބަރާރާ ވިދާޅުވި އެވެ.

ބަރާރާ އެފަދައިން ވިދާޅުވުމާ ގުޅިގެން ވައިޓް ހައުސްއިން ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. (ބީބީސީ)