އޭޝިއަން ކަޕަށް ކޮލިފައިވުމަށް ބޫޓާނާ ދެކޮޅަށް މާދަމާ ހަވީރު އެގައުމުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗު ފަސޭހަކޮށް ނުލާނެ ކަމަށާއި މުހިންމީ ތިން ޕޮއިންޓް ހިފައިގެން ދަނޑުން ފޭބުން ކަަމަށް ގައުމީ ޓީމްގެ ކޯޗް ޑަރެން ސްޓެވާޓް ބުނެފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގައުމީ ކޯޗު ބުނީ، ދިވެހި ޓީމު އޮތީ ބޫޓާން މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި ހުރިހާވެސް ވިސްނުމެއް ހުރީ ތިން ޕޮއިންޓް ހޯދުމަށްކަމަށެވެ.

ތިމްޕީ ސްޓޭޑިއަމްގައި ހަވީރު 17:00 ގައި ފަށާ މެޗާ ގުޅޭ ގޮތުން ތަޖުރިބާކާރު ކޯޗު ބުނީ، މާދަމާގެ މެޗަކީ ބަހާނާ ތަކެއް ދައްކައިގެން ހަމަޖައްސާލެވޭނެ މެޗެއް ނޫން ކަމަށާއި ކޮންމެ ގޮތެއް ހަދައިގެންވެސް މޮޅުވާނެ ޖެހޭނެ ކަމަށެވެ. އަދި ބުނީ އިދިކޮޅު ޓީމަކީ ހަލުވި ކުޅުމެއް ކުޅޭ ޓީމެއް ނަމަވެސް ރާއްޖޭގެ ޑިފެންޑަރުންނަށް އެ ކުޅުންތެރިން ހުއްޓުވޭނެ ކަމަށެވެ.

" ކުޅުންތެރިންގެ ވިސްނުން މިހުރީ ސީދާ މެޗުން މޮޅުވުމަށް. އެއީ އަހަރެން ގަބޫލުކުރާ ގޮތުގައި ވަރަށް މުހިއްމު ކަމެއް. މާދަމާގެ މެޗަކީ ބަހަނާ ދައްކައިގެން ހަމަޖައްސާލެވޭނެ މެޗެއް ނޫން ކޮންމެ ހެންވެސް ތިން ޕޮއިންޓް ހޯދަން ޖެހޭ،" އޮސްޓްރޭލިއާ އަށް އުފަން ކޯޗް ބުންޏެވެ.

އިދިކޮޅު ބޫޓާނާ ގުޅޭ ގޮތުން ކޯޗު ބުނީ އެޓީމަކީ ތަފާތު ޓީމެއް ކަމަށާއި ހާއްސަކޮށް އެ ޓީމުގެ ޖާޒީ ނަންބަރު 7 އެއީ ކޮންމެހެންވެސް ސަމާލުވާން ޖެހޭ ކުޅުންތެރިއެއްކަމަށެވެ. އަދި ބުނީ އެ ކުޅުންތެރިއާ ތަފާތު ދައްކާނެ ކަމަށާއި އެހެންކަމުން އެ ކުޅުންތެރިޔާއާ މެދު ފަރުވާތެރިވާން ޖެހޭނެ ކަމަށެވެ.

ބޫޓާނާ ދެކޮޅަށް ގައުމީ ޓީމް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހަފްތާގައި ރާއްޖެއިންވަނީ އަފްޣާނިސްތާނާ ދެކޮޅަށް މެޗެއް ކުޅެފައެވެ. ދުބާއީގައި ކުޅުނު އެމެޗުން މޮޅުވީ އަފްޣާނިސްތާނެވެ.

އެ މެޗަށް ފަހު ތައިލެންޑްގައި ރާއްޖެއިން ކޭމްޕްކޮށްފައިވާއިރު މީގެ ކުރިން އޭޝިއަންކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް އަމިއްލަ ގައުމުގައި ރާއްޖެ ކުޅުނު މެޗުން ބަލިވެފައިވާތީ މި މެޗުން މޮޅުވުމަކީ މުހިއްމުކަމެކެވެ.