މިފަހަރުގެ ޓްރާންސްފާގައި އާސެނަލަށް ގެންނަން އެ ކްލަބުގެ ކޯޗު އާސެން ވެންގާ އެންމެ ބޮޑަށް ބޭނުން ތިން ކުޅުންތެރީންގެ ނަން ހާމަކޮށްފިއެވެ.

ވެންގާގެ ޓްރާންސްފަރ ލިސްޓްގެ އެންމެ ކުރީގައި އޮތީ، ކިލިއަން އެމްބާޕޭ، އެލެގްޒެންޑާ ލަކަޒެޓް، އަދި ތޯމަސް ލެމާއެވެ.

މޮނާކޯގެ ފޯވާޑް އެމްބާޕޭ ހޯދުމަށް، ވެންގާއަށް ވަރުގަދަ ހަނގުރާމައަކާ ކުރިމަތިލާން ޖެހޭނެއެވެ. ސަބަބަކީ މިހާރުވެސް ރެއާލް މެޑްރިޑުން ވަނީ ދުނިޔޭގެ ރެކޯޑް ފީއަކަށް އެ ކްލަބަށް އެމްބާޕޭ ގެނައުމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށްވާތީއެވެ. އެގޮތުން ރެއާލުން އެ ޑީލް އިތުރަށް ފައްކާކުރުމުގެ ގޮތުން، 18 އަހަރުގެ ފޯވާޑް މޮނާކޯއަށް އަހަރު ދުވަހަށް ލޯނު އުސޫލުން ދޫކުރުމަށްވެސް ރާވަމުންދެއެވެ.

އިނގިރޭސިވިލާތުގެ މިރާއިން ބުނެފައިވާގޮތުގައި ލިޔޯންގެ ސްޓްރައިކަރު ލަކަޒެޓް ހޯދުމަށް އާސެނަލުން ދަނީ 60 މިލިއަން ޔޫރޯ ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

ލެސްޓާ ސިޓީގެ ރިޔާދު މަހްރޭޒަށް ވެސް ވެންގާގެ ހިތްކިޔާކަމަށް މީގެ ކުރީން ފާޅުގައި އޭނާ ބުނެފައިވީ ނަމަވެސް، ޗެމްޕިއަންސް ލީގުގައި ލެމާ ދައްކާފައިވާ މޮޅު ކުޅުމުގެ ސަބަބުން މިހާރު ވެންގާގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ތިން ކުޅުންތެރީންގެ ތެރޭގައި އޭނާ ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 21 އަހަރުގެ ލެމާ ވަނީ މިދިޔަ ސީޒަންގައި މޮނާކޯއަށް 19 ލަނޑު ކާމިޔާބުކޮށް، އަދި ފްރާންސްގެ ގައުމީ ސްކޮޑުގައިވެސް ހިމެނިފައެވެ.