18 Jun 2017, 13:32
މައިކްރޯސޮފްޓް އެމީހުންގެ އެންމެ ފަހުގެ ގޭމިންގ ކޮންސޯލް އީ3 2017 ގައި ދައްކާލައިއިރު، އެންމެންގެ ލޮލުގައިވެސް އަޅައިގަތީ ކޮންސޯލްގެ ޕްރައިސްޓެގެވެ.
ކޮންސޯލް ގޭމިންގ ޕްލެޓްފޯމަކީ ސޮނީގެ ޕްލޭސްޓޭޝަން އަދި މައިކްރޯސޮފްޓްގެ އެކްސްބޮކްސް ޖުމުލަގޮތެއްގައި ރަސްކަންކުރާ އޭރިއާއެކެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ސޮނީއިން ވަނީ ކޮންމެ ފަހަރަކުވެސް މައިކްރޯސޮފްޓް ފަހަތަށް ޖައްސާލައިފައެވެ.
މީގެ އެންމެ ވަރުގަދަ ހެއްކަކީ މިދެބައިމީހުންް އެންމެ ފަހުން ނެރުނު ކޮންސޯލް ތަކުގެ ސޭލްސް އެވެ. ބޭރުގެ މާކެޓް އެނެލައިޒް ކުރާ ފަރާތްތަކުން ރިޕޯޓުކުރާގޮތުގައި 2016 ގައި ސޮނީގެ ޕްލޭސްޓޭޝަން 4 ގެ ވޭރިއޭޝަންސްތަކުގެ ގާތްގަނޑަކަށް 53 މިލިއަން ޔުނިޓު ވިކިފައިވާއިރު، އެކްސްބޮކްސް ވަންގެ ވިކުނީ 27.6 މިލިއަން ޔުނިޓެވެ.
މާކެޓް ޝެއާ އަށް ބަލާއިރު ސޮނީގެ ޕްލޭސްޓޭޝަން 51 ޕަސެންޓް ނަގާފައިވާއިރު މައިކްރޯސޮފްޓް އުޅެނީ 26 ޕަސެންޓުގައެވެ.
މިހާރު މައިކްރޯސޮފްޓުން މިވަނީ ފާއިތުވި އަހަރުގެ ސޭލްސްގެ އަދަދުގައި ފާހަގަަވި ބޮޑު ފަރަގު ކުޑަކުރުމަށް އަތުކުރިއޮޅާލާފައެވެ. ނަމަވެސް އެމީހުންގެ އެންމެ ފަހުގެ ހަތިޔާރަކީވެސް ގޭމިންގ ކޮންސޯލްގެ މިހަނގުރާމަ މައިކްރޯސޮފްޓަށް ކާމިޔާބީ ގެނެސްދެވޭނެ އެއްޗެއްކަމަށް ބެލުން އެއީ ބުއްދިވެރި ވިސްނުމެއްނޫނެވެ. ސަބަބުތައް ބައިވަރެވެ.

މައިިކްރޯސޮފްޓްގެ އެކްސްބޮކްސް ވަން އެކްސް --- ފޮޓޯ: އެކްސްބޮކްސް ލައިވް
ފުރަތަމަ ކަމަކަށް މައިކްރޯސޮފްޓުން އެމީހުންގެ އެކްސްބޮކްސް ވަން އެކްސް ވިއްކަން ހަމަޖެހިފައިވާ އަގަކީ 500 ޔޫއެސް ޑޮލަރާ ކައިރި އަދަދެކެވެ. ކޮންސޯލް ބާޒާރުގައި މިއީ ވަރަށް ބޮޑު އަގަކަށްވާއިރު، ކޮންސިއުމާ ރޭޓަށް ބަލާއިރުވެސް މިއީ މައިކްރޯސޮފްޓަށް ފައިދާ ލިބިދޭނެ އަގެއްކަމަކަށް ނުބެލެވެއެވެ.
ސޮނީ ޕްލޭސްޓޭޝަން ޕްރޯ 4 ގެ 1 ޓީބީ ވޭރިއަންޓްގެ މިހާރުގެ މާކެޓް އަގަކީ 369 ޑޮލަރާއި 399 ޑޮލަރުގެ އަދަދެއް ކަމަށްވާއިރު، ދުނިޔޭގެ އެކިއެކި ވިޔަފާރި ޚަބަރުތައް ގެނެސްދޭ މީޑިއާތަށް (މީގެ ތެރޭގައި ފޯބްސް، ވެންޗާބީޓް، ވޯލް ސްޓްރީޓް ޖާނަލް އަދި ވޮޝިންގޓަން ޕޯސްޓް) އިއްތިފާގުވާ އެއްކަމަކީ ސޮނީއިން އެމީހުންގެ ޕްލޭސްޓޭޝަން 4 ގެ ހުރިހާ ވޭރިއޭޝަންތަކުގެ އަގުތަށް ތިރިކޮށްލާނެ ކަމެވެ. މިގޮތަށް އެމީހުންގެ ކޮންސޯލުތަކުގެ އަގުތަށް ތިރިކޮށްލާއިފި ކަމަށް ވަންޏާ މައިކްރޯސްފްޓުގެ އެންމެ ފަހުގެ ކޮންސޯލް ގަންނަ މީހުންގެ އަދަދު ވަރަށްބޮޑުތަން ދައްވާނެކަމަށް ލަފާކުރެވެއެވެ.
އެންމެވަރުގަދަ ކޮންސޯލް
ގޭމް ކުޅޭ ކޮންސޯލްތަކުގެ މޮޅުދެރަމިން ކަނޑައެޅިގެންދަނީ އޭގައި ބޭނުންކުރެވޭ ހާޑްވެއާގެ މޮޅުދެރަމިނަށް ބަލައިފައެވެ. މިހެންކަމަށްވާއިރު، މައިކްރޯސް ސޮފްޓުން ވަނީ އެންމެފަހުގެ އަދި އެންމެ ވަރުގަދަ ގޭމް އެކްސްޕީރިއެންސް ނުވަތަ އެންމެ ކޮލިޓީ ރަނގަޅަށް ގޭމުތަށް ކުޅެވޭ އަދި އެންމެ ރިސޮލިއުޝަން ވަރުގަދަކޮށް ގޭމްތަށް ނަގައިގަނެވޭނެ ފަދަ ހާޑްވެއާ ސިސްޓަމެއް އެކްސްބޮކްސް ވަން އެކްސްގައި ހިމަނާފައެވެ. މިއީ އެމީހުން ވަރަށް ހިތްހަމަޖެހޭ ކަމަކަށްވާއިރު، މިއީ އެމީހުންގެ މާކެޓިންގ ސްޓްރެޓެޖީކަމަށްވެސް ވަރަށް ބޮޑަށް ބެލެވެއެވެ.
އެކްސްބޮކްސްގެ އޮފިޝަލް ވެބްސައިޓްގައިވެސް އެ ޕްރޮޑަކްޓްގެ އިޝްތިހާރުތަށް އަދި ޕްރޮމޯތަކުގައިވެސް ހިމަނާފައިވާ ސްލޯގަންއަކީ "ދުނިޔޭގެ އެންމެ ވަރުގަދަ ކޮންސޯލް" މިހެންނެވެ. އެކަމަކު އުފެދޭ ސުވާލަކީ، ދުނިޔޭގެ ކޮންސިއުމާ ބާޒާރަށް ބަލާއިރު، ކަސްޓަމަރުން ގޭމުކުޅޭ ކޮންސޯލެއް ގަންނަށް ބަލާއިރު ވިސްނާނީ ކޮންސޯލްގެ ހާޑްވެއާގެ ބާރުގަދަކަމަށްތޯ ނޫނީ އަތުން ކުޑަ ޚަރަދެއް ކޮށްގެން ހޯދޭން ކޮންސޯލަކަށްތޯ؟
ކޮންސޯލުތައް ގިނައިން ގަތުމަށް އަދި ކަސްޓަމަރުންގެ ސަމާލުކަން އިތުރަށް ހޯދުމަށް ކޮންސޯލް އުފައްދާ ކުންފުނިތަކުން ދެން ބޭނުންކުރާ އުކުޅަކީ އެކްސްކުލޫސިވް ކޮންޓެންޓް/ގޭމް އުފެއްދުމެވެ. މީގެ މާނައަކީ ވަކި ކޮންސޯލް ޕްލެޓްފޯމަކަށް އެކަނި ލިބޭނެފަދަ ގޭމުތައް އުފެއްދުމެވެ. ފާއިތުވި ތާނގައި މައިކްރޯސޮފްޓަށްވަނީ އެކްސްކުލޫސިވް ކޮންޓެންޓް އެކަށީގެންވާ އަދަދަކަށް ނެރެވުނު ނަމަވެސް، ސޮނީއާ އެއް ހަރުފަތަކަށް ނާދެވިފައެވެ. މިކަމަށްވެސް މިފަހަރު މައިކްރޯސޮފްޓުންވަނީ ތައްޔާރުވެފައެވެ. އެގޮތުން، މިއަހަރުގެ އީ3 މަހާސިންތާގައި މައިކްރޯސޮފްޓުންވަނީ 22 އެކްސްކުލޫސިވް ގޭމްސްތަކުގެ ޓީޒިންގ އެއްވެސް ދައްކާލާފެއެވެ.
އެކަމަކު މިފަހަރުވެސް މައިކްރޯސޮފްޓަށް ކޮންސޯލް ގޭމިންގ އިންޑަސްޓްރީގެ ހުންގާނު ލިބުމަށްވުރެން ނުލިބުން ގާތެވެ. ފަހަރުގައި އެމީހުންގެ އެހާ ވަރުގަދަ ކޮންސޯލެއް މާކެޓަށް ނެރޭއިރު، އަދި އެކްސްކުލޫސިވް ގޭމްސްގެ އެހާ ބައިވަރު ޓައިޓަލްތައް ހުރި އިރު، އެންމެންވެސް އުންމީދު ކުރާނީ މައިކްރޯސޮފްޓުން މިފަހަރު ކުރި ހޯދާނެކަމަށެވެ. ނަމަވެސް 2000 އަދި 2001 ވަނަ އަހަރުގެ ތެރެއަށް ނަޒަރެއް ހިންގާލައިފި ކޮންމެ މީހަކަށްވެސް ފާހަގަވާނެ ކަންތައްތަކެއް ހުންނާނެއެވެ. 2000 ވަނަ އަހަރަކީ ސޮނީގެ ޕްލޭސްޓޭޝަން ނެރުނު އަހަރެވެ. އޭގެ އެއްއަހަރު ފަހުން މައިކްރޯސޮފްޓުން އެމީހުންގެ ފުރަތަމަ ގޭމިންގ ކޮންސޯލް ނެރުނެވެ. މައިކްރޯސޮފްޓަށް ސޮނީގެ މައްޗަށް ކުރިހޯދޭނެ ގޮތްތަށް ދެނެގަން އެއްއަހަރު ދުވަހުގެ މުއްދަތް ލިބުނެވެ. މިހުރިހާ ކަންކަމަކަށް އެދެވޭ ރިސާޗެއްކޮށް އެމީހުން އެކްސްބޮކްސް ވުޖޫދައް ގެނައީ އެ ކޮންސޯލަކީ ސޮނީ ޕްލޭސްޓޭޝަނަށް ވުރެއް ހުރިހާ ގޮތަކުންވެސް ފުރިހަމަ ކޮންސޯލެއް ކަމަށް ދަައުވާ ކުރަމުންނެވެ.
ނަމަވެސް ކަންވީ މައިކްރޯސޮފްޓުން ހީކުރިގޮތާ މުޅިން ހިލާފަށެވެ.

އެކްސްބޮކްސް ވަން އެކްސް (ވ) އަދި އެކްސްބޮކްސް ވަން (ކ) --- ފޮޓޯ: އެކްސްބޮކްސް ލައިވް
އެކްސްބޮކްސްގެ އެންމެ ފުރަތަމަ ނެރުނު ކޮންސޯލްގެ ސޭލްސްއަކީ 24 މިލިއަން ޔުނިޓުކަމަށްވާއިރު ސޮނީގެ ޕްލޭސްޓޭޝަން 2 ގެ 150 މިލިއަން ޔުނިޓްސް ވިކިފައިވެއެވެ. ސޮނީ ޕްލޭސްޓޭޝަން 2 އަކީ ދުނިޔޭގެ ބާޒާރުގައި މިހާތަނަށް އެންމެ ރަނގަޅަށް ވިކުން ކޮންސޯލް ކަމަށް ޓްރޭޑް އެނެލިސްޓުން އެއްބަސްވެއެވެ.
އެފަހަރުވެސް މައިކްރޯސޮފްޓަށް އެޅުނު ޅައެއްޗެއްކަމަށް ގިނަބަޔަކު އެއްބަސްވާ ދެކަމެއް އޮވެއެވެ. ފުރަތަމަ ކަމަކީ އެކްސްބޮކްސް ވިއްކި އަގުގެ އިތުރަށް އޮންލައިން ހިދުމަތްތަކަށްވެސް ފުދޭވަރެއްގެ އަގުތަކެއް ކަނޑައެޅިފައިހުރުމެވެ. އެކްސްބޮކްސް ޔުނިޓެއްގެ އަގު 179 ޑޮލަރަށް އުޅުނުއިރު އޮންލައިން ކޮށް ފޯރުކޮށްދިން ހިދުމަތްތަކުގެ ތެރޭގައި އެކްސްބޮކްސް ލައިވް ސްޓާޓާ ކިޓް އެމީހުން 69.99 ޑޮލަރަށް ވިއްކިއިރު އަހަރީ ސަބްސްކްރިޕްޝަން ފީއެއްގެ ގޮތުގައި 49.99 ޑޮލަރު ޗާޖުކުރިއެވެ. ޕްލޭސްޓޭޝަންގެ އަގު އުޅުނީ 179 އަކާއި 200 އާއި ދެމެދުއެވެ. އެހެންނަމަވެސް އެމީހުން އޮންލައިންކޮށް ފޯރުކޮށްދިން ހުރިހާ ހިދުމަތެއްވެސް އަދި އަހަރީ ސަބްސްކްރިޕްޝަން ވެސް ކަސްޓަމަރުންނަށް ހިލޭ ލިބުނެވެ. މީގެ އިތުރުން ސޮނީގެ ތާޑް-ޕާޓީ ގޭމުތައް މައިކްރޯސޮފްޓާ އަޅާ ބަލާއިރު އެތައްގުނައެއް ގިނައެވެ.
މައިކްރޯސޮފްޓުން މިއަހަރުވެސް މިވަނީ ކޮންސޯލް ހަނގުރާމައިގައި އަނެއްކާވެސް އެމީހުން އެއްވަނަ މަގާމަށް ޖެހިލުމަށް ކެނޑިނޭޅިކުރަމުން އަންނަ މަސައްކަތް ފަށާފައެވެ. 500 ޑޮލަރަށް "ދުނިޔޭގެ އެންމެ ވަރުގަދަ އަދި ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ" ކޮންސޯލް މާކެޓަށް މިއަހަރު ނޮވެމްބަރު މަހު ރަސްމީކޮށް ނެރެން ތައްޔާރުވެފައިވާއިރު، ސޮނީއިން އަޅާ ކޮންމެ ފިޔަވަޅަކީ މައިކްރޯސޮފްޓަށް މުހިއްމު އެއްޗަކަށް ވެއެވެ. ފާއިތުވި ތަނުގައި ސޮނީއިން ކުރިހޯދައިފާ ވާއިރު، މިފަހަރު ސޮނީއަށް މިއޮތީ އެމީހުންގެ ސިއްރު ހަތިޔާރު މިހާރަށްވުރެވެސް ވަރުގަދަ ކުރަން ފުރުސަތު ލިބިފައެވެ.
ސުވާލަކީ މައިކްރޯސޮފްޓްގެ އެކްސްބޮކްސް ވަން އެކްސްއަށް ކަސްޓަމަރުންގެ ތަރުހީބު ސޮނީގެ ޕްލޭސްޓޭޝަން 4 އަށް ވުރެން ބޮޑަށް ލިބިދާނެތޯ؟ ނޫނީ މިފަހަރުވެސް މައިކްރޯސޮފްޓް މާޔޫސްވާން ޖެހިދާނެތޯ؟ މިސުވާލުތަކުގެ ޖަވާބު ލިބޭނީ މިއަހަރު ނޮވެމްބަރު މަހު އެކްސްބޮކްސް ވަން އެކްސް ރިލީޒް ކުރެވި އޭގެ އާމްދަނީ ރިޕޯޓެއް ރަނގަޅަށް ދިރާސާކޮށްލުމުންނެވެ.
މަސްދަރު: ވެންޗާބީޓް، އެކްސްބޮކްސް.ކޮމް، ޕީސީއެޑްވައިޒާ، ވޮޝިންގޓަން ޕޯސްޓް، ފޯބްސް.