މުސްތަގުބަލުގައި ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗު ކޮށްދިނުމަށް ޒައިނުއްދީން ޒިދާން އައުމަކީ ވަރަށް ބޮޑަށް ދެކެން ބޭނުުންވާ ދުވަހެއް ކަމަށް ފްރާންސް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް)ގެ ރައީސް ނޮއެލް ލެ ގްރޭޓް ވިދާޅުވެއްޖެއެވެ.

ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި ޔޫރަޕްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރުވި ޒިދާން ވަނީ، ކޯޗެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ހައިރާން ކޮށްލައި، ރެއާލް މެޑްރިޑާ ހަވާލުވި ފުރަތަމަ ސީޒަންގައި އެޓީމަށް ސްޕެނިޝް ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ.

ފްރާންސް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ކަމަށްވާ ޒިދާން ވަނީ އެޓީމާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، 2000 ވަނަ އަހަުރުގެ ޔޫރޯވެސް ކާމިޔާބުކޮށްފައެވެ. އަދި ގައުމީ ޓީމަށް 108 މެޗު ކުޅެފައިވާ ކުރީގެ ފޯވާޑާ މެދު އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންނުން ދެކެމުން އަންނަ ހުވަފެނަކީ، ކޮންމެވެސް ދުވަހަކުން ގައުމީ ޓީމަށް އިރުޝާދު ދިނުމަށް ޒިދާން އައުމެވެ.

"ކޮންމެވެސް ދުވަހަކުން އޭނާ ގައުމީ ޓީމަށް ކޯޗުކޮށްދިނުމަށް ޝައުގުވެރިވާނެ،" އާރްއެމްސީ ރޭޑިއޯއަށް ލެ ގްރޭޓް ވިދާޅުވިއެވެ.

"މިވަގުތު އޭނާއަށް ހަމަ އެންމެ ކަމުދަނީ ރެއާލްގައި މަޑުކޮށް އެ ކްލަބަށް ކާމިޔާބީތަކެއް ހޯދައިދިނުން."

"މީގެ ދެތިން އަހަރު ކުރީން އަހަރެން އޭނައާ މަޝްވަރާކުރިން. އޭރު އަހަރެން ވަރަށް ބޮޑަށް ނަސޭހަތްތެރިވިން، ބޯޑޯ ނުވަތަ ފްރާންސް ލީގުގެ ކޮންމެވެސް އެހެން ކްލަބެއްގައި ނަމަވެސް އޭނާގެ ކޯޗިން ކެރިއަރު ފެށުމަށް."

އެފްއެފްއެފްގެ ރައީސް ވިދާޅުވީ، ކޯޗެއްގެ ގޮތުގައި ޒިދާން އަދާކުރަމުންދާ ރޯލަކީ ގަބޫލުކުރަންވެސް ދަތި ކަންތައްތަކެއް ކަމަށެވެ.