މިހާރަކަށް އައިސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި އާންމުންނަށް ގުޅައި ބީއެމްއިލްގެ އެކައުންޓްތަކުގެ މައުލޫމާތު ހޯދުމަށް އެކިފަރާތްތަކުން މަސައްކަތްކުރަމުންދާތީ އެކަމާ ސަމާލުވެ ތިބުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގޮވާލައްވައިފިއެވެ.

ގައުމީ ބެންކުން ރޭ ކުރި ޓުވީޓެއްގައި ވަނީ މިހާރަކަށް އައިސް ކަސްޓަމަރުންނަށް ގުޅައި އެކިއެކި ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބީއެމްއެލްގެ އެކައުންޓްގެ މައުލޫމަތާއި އަދި ފައިސާ ފޮނުވަން އެދެމުންދާކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމުގައެވެ.

އަދި މިފަދަ ކޯލުތަކަކީ ސައްހަ ކޯލުތަކެއް ނޫންކަމަށާއި އަދި މިކަމުގައި ވީހާވެސް ބޮޑަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. މިގޮތުން ފޯން ނުވަތަ އީމެއިލް މެދުވެރިކޮށް އެފަދަ ފަރާތްތަކުން އެދޭ އެކައުންޓްގެ މައުލޫމާތު ހިއްސާ ނުކުރުމަށާއި އަދި ފައިސާ ފޮނުވުނުވުމުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވަނީ އެދިފައެވެ.

މީގެ ކުރިންވެސް އޮޅުވާލައިގެން ތަފާތު ނަންނަމުގައި ފައިސާ ނަގަމުން ދާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ބީއެމްއެލްއިން ވަނީ އެކަން ކަސްޓަމަރުގެ ސަމާލުކަމަށް ގެނެސް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.