02 Jul 2017, 10:06
މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ލ. ފޮނަދު އާއި ގއ. ވިލިގިލީގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ވެއްޖެ އެވެ.
ފޮނަދޫ ކައުންސިލްގެ ރައީސް، އަހުމަދު ރިޔާޒު މިއަދު ސަން ވިދާޅުވީ ރޭ 09:15 އިން ފެށިގެން ނުހުއްޓި ތިން ގަޑިއެއްހާ އިރު ވަންދެން ބޯކޮށް ވާރޭވެހި އެރަށުގައި ފެންބޮޑުވެ، 10 ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ގެއެއްގެ ބެޑްރޫމް ހަލާކުވެ އަދި އެހެން ގެއެއްގެ ފުރާޅަށް ގެއްލުންވި ނަމަވެސް ޖުމްލަ ކޮށް ލިބިފައި ވަނީ ކުދި ކުދި ގެއްލުން ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"ދެން ރަށުގެ ރުއް ގަހަށް ވަނީ ގެއްލުން ވެފައި. ފުލުހުންނާއި ކައުންސިލުން ވަނީ ފެންބޮޑުވި ގެތަކުގައި ވެލި ބަސްތާ ޖަހައިދިނުމުގައި ހަރަކާތްތެރިވެފައި. ފެން ބޮޑު ނުވިޔަސް ރަށުގެ ގިނަ ފަރާތްތަކަކުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަމިއްލައަށް އަޅާފައި،" ރިޔާޒު ވިދާޅުވި އެވެ.
ފޮނަދޫގެ އިތުރުން ގއ. ވިލިގިއްޔަށް ވެސް ވަނީ ރޭ ވިއްސާރަކޮށް ފެންބޮޑުވެފަ އެވެ. އެރަށު ކައުންސިލްގެ ނައިބް ރައީސް، މަޒީދު އަބްދުﷲ ވިދާޅުވީ ރޭ 10:00 އިން ފެށިގެން އެރަށަށް ވިއްސާރަކުރަމުންދާ ކަމަށެވެ. އަދި އޭގެ ފަހުން ވާރޭ ނުހުއްޓާ ކަމަށާއި މުޅި ރަށުގައި ފެންބޮޑުވެފައިވާ ކަމަށެވެ.

ފޮނަދޫ ބައެއް ރުށް ގަސްތަކަށް ގެއްލުން ވެފައި --- ފޮޓޯ: ކައުންސިލް
"މުޅި ރަށުގައި ވަނީ ފެންބޮޑުވެފައި. އެހެން ނަމަވެސް ބޮޑެތި ގެއްލުންތަކެއް ނުވޭ،" މަޒީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ތިންބައިކުޅަ ދެބައި ގެތަކުގެ ފާހާނާތަކުން ނަޖިސް ބޭރުވަމުން އަންނަ ކަމަށެވެ. ހަމައެހެންމެ ބައެއް ގޭތަކުގެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. އެގޮތުން މިއީ ހުޅަނގު މޫސުމުގެ ފުނޯސް ނަކަތެ އެވެ. މި ނަކަތައިގެ ދުވަސްތަކުގެ ތެރޭގައި ކަނޑުތައް ގަދަ ވާނެ އެވެ. ފުނޯސް ނަކަތަ ފަށަނީ ޖުލައި އެކެއްގަ އެވެ. ނިމޭނީ 14 ޖުލައި ގަ އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގެ ޑިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑި އިރު، ލ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ވަރަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ކަނޑުތައް ވެސް ގަދަ ވާނެ ކަމަށެވެ. އަދި އުތުރަށް ކޮންމެވެސް ވަރަކަށް ވިއްސާރައިގެ އަސަރު ކޮށްފާނެ ކަމަށާއި ނަމަވެސް މޫސުން ރަނގަޅު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގަމުންދާ އިރު މޫސުމާ ބެހޭ އިދާރާ އިން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލު ވުމަށް އިލްތިމާސްކޮށްފަ އެވެ.