02 Jul 2017, 10:28
ޔަމަނުގައި ސައުދީ އަރަބިއްޔާ އިން ދެމުންގެންދާ އިންސާނިއްޔަތާ ހިލާފު ހަމަލާތަކުގެ ސަބަބުން އިނގިރޭސި ވިލާތުން ސައުދީއަރަބައްޔާއަށް ހަތިޔާރު ފޯރުކޮށްދޭ ދިނުން ވަރަށް ބޮޑަށް ކުށްވެރިކުރައްވައި ހަތިޔާރުވިއްކުން ހުއްޓާލުމަށް އިނގިރޭސިވިލާތުގެ ލޭބާ ޕާޓިގެ ލީޑަރު ޖެރިމީ ކޯބިންސް ގޮވާލައްވައިފި އެވެ.
އަލްޖަޒީރާއަށް ޖެރިމީ ކޯބިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ލޭބާޕާޓީ އިން ސައުދީ އަރަބިއްޔާ އަށް ހަތިޔާރު ވިއްކުން ކުރިން ވެސް ދެކޮޅު ކަމަށައި އަދި ކުރިއަށް އޮތް ތަނުގައި ވެސް ހުންނާނީ އެގޮތުގައި ކަމަށެވެ. ޖެރިމީ ކޯބިން އަކީ އިނގިރޭސިވިލާތުގެ އެހެން ލީޑަރުންނާ ހިލާފަށް ފަލަސްތީނުގެ ހައްގުތައް ހޯދައިދިނުމަށް ޓަކައި ވެސް ވަރަށް ބޮޑަށް އަޑު އުފުއްލަވާ ބޭފުޅެކެވެ.

ހާލުގައި ޖެހިފައިވާ ޔަމަނުގެ މީހުން ރެފިޔުޖީ ކޭމްޕޭއްގައި
"އަހަރުމެން އަބަދު ވެސް ސައުދީއަރަބިއްޔާ އިން އެފަދަ ނުރައްކާތެރި ހަތިޔާރުތައް ޔަމަނުގެ އާންމުންނާ ދެކޮޅަށް ބޭނުންކުރުން ކުއްވެރިކުރަން. އަހަރުމެން ބޭނުން ވަނީ ޔަމަނުގައި ސުލްހަ ގާއިމްކުރަން. ސަައުދީ އަރަބިއްޔާއިން ޔަމަނަށް އަރައިގަތުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އަދި އަޅުގަނޑުމެން މިދަނީ ޕާލިމަންޓަށް ގަރާރެއް މިކަމުގައި ހުށައެޅުމައް ތައްޔާރު ވަމުން،" ކޯބިން ވިދާޅުވި އެވެ.
ލަންޑަނުގައި ހަތިޔާރުވިއްކުމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ބުނެފައިވާ ގޮތުގައި ޔަމަނަށް ސައުދީ އަރަބިއްޔާ އިން ހަމަލާ ދޭން ފެށިފަހުން އިނގިރޭސިވިލާތުން ވަނީ 4.1 ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަރަބިއްޔާއަށް ވިއްކާފަ އެވެ. ޔަމަނުގެ ބޯޑަރުތައް ބަންދުކޮށް ސައުދީ އަރަބިއްޔާ އިން ހިސޯރޮކޮށް ކެނޑިނޭޅި ހަމަލާތައް ދޭންފެށިފހުން ޔަމަނުގައި ވަނީ އިންސާނީ މުސީބާތެއް ޖެހިފަ އެވެ. އަދި ހަލުވި ކަމާއެކު ކޮލަރާ ދަނީ ފެތުރެމުންނެވެ.