ކުށުގެ އަމަލު ހިނގި ތަނުގައި ތުހުމަތުކުރެވޭ މީހާ ނެތްކަމުގެ މައުލޫމާތު ޕީޖީ އޮފީހަށް ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

އެގޮތަށް ހަމަޖައްސާފައި ވަނީ ޕީޖީ އޮފީހުން އެކުލަވާލާފައިވާ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައެވެ. އެ ގަވާއިދަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެކުލަވާލި ގަވާއިދެކެވެ.

އެ ގަވާއިދުގެ 52 ވަނަ މާއްދާގައި ކުށުގެ އަމަލު ހިންގިތަނުގައި ނެތް ކަމުގެ ދިފާއު ޝަރީއަތުގެ މަޖިލީހުގައި ނެގޭނެ ގޮތް ވަނީ ބަޔާންކޮށްފައެވެ.

އެ މާއްދާގައި ބުނެފައި ވަނީ ކުށުގެ އަމަލު ހިންގި ތަނުގައި ތުހުމަތު ކުރެވޭ ފަރާތް ނެތް ކަމުގެ ދިފާއު ހުށަހަޅާނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 122 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތިން ތަހުގީގު މަރުހަލާގައި އެކަން ފާހަގަކޮށްފައި އޮންނަންވާނެ ކަމަށެވެ.

ކުށުގެ އަމަލު ހިންގި ތަނުގައި ތުހުމަތު ކުރެވޭ މީހާ ނެތްކަން ސާބިތުކޮށްދޭ ހެކި ހުރިކަން އޭނާ އަށް އެނގުނީ ތަހުގީގު މަރުހަލާގެ ފަހުން ނަމަވެސް ޝަރީއަތުގެ މަރުހަލާގެ ކުރިން ކަމުގައިވާނަމަ، ޕީޖީ އޮފީހުން މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ދައުވާ ލިބޭ މީހާ، އެ މައުލޫމާތު ޕީޖީ އޮފީހަށް ހުށަހަޅައި ހާމަކުރަންވާނެ ކަމަށް އެމާއްދައިވެއެވެ.

ކުށުގެ އަމަލު ހިންގި ތަނުގައި ނެތްކަން ސާބިތުކޮށްދޭ ދިފާއީ ހެކީންގެ މައުލޫމާތު ހާމަކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅަންޖެހޭ ފޯމެއް ވެސް އެ ގަވާއިދުގައި ވަނީ ހިމަނާފައެވެ.

އެ މައުލޫމާތު ޕީޖީ އޮފީހާ ހިއްސާކޮށްފައިވަނިކޮށް ޕްރޮސިކިއުޓާ ޖެނެރަލް ދައުވާ އުފުލައިފިނަމަ، ދައުވާ ލިބޭ ފަރާތް އެ ދިފާއު ދުރާލައި ހާމަކުރިކަން އެނގޭނެ ލިޔުންތައް ކޯޓަށް ހުށަހަޅަންވާނެ ކަމަށް އެ މާއްދާގައި ވަނީ ބުނެފައެވެ. ނަމަވެސް އެ ލިޔުންތައް ކޯޓަށް ހުށަހަޅަންޖެހެނީ ކާކުކަން އެ މާއްދާގައި ބުނެފައެއްނެތެވެ.

ކުށިގެ އަމަލު ހިންގި ތަނުގައި ނެތް ކަމުގެ ދިފާއު ހުށަހަޅާ ފޯމްގައި ބުނެފައިވާގޮތުން ދިފާއީ ހެކީންގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި މިހާރު އުޅޭ އެޑްރެހާއި ފޯނު ނަންބަރު އެ ފޯމުގައި ހިމަނަންޖެހެއެވެ. އަދި ތަހުގީގު މަރުހަލާގައި އެކަން ފާހަގަކޮށްފައި ނުވަނީ ކީއްވެކަން ވެސް އެ ފޯމުގައި ހިމަނަންޖެހެއެވެ.