02 Jul 2017, 17:44
ޝަމްހާ އަހްމަދު ގާއިމްކޮށްފައިވާ ހާފް މެރަތަން ގައުމީ ރެކޯޑު، މަރިޔަމް އަބްދުލް ކަރީމް (މަރީ) މުގުރާލައިފިއެވެ.
ޝަމްހާގެ ރެކޯޑު، މަރީ މުގުރާލީ އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓް މެރަތަންގައި ދުވެ، އެއް ގަޑިއިރާ 34 މިނެޓް 48 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ހާފް މެރަތަން ގައުމީ ރެކޯޑު ކުރިން ޝަމްހާ ގާއިމްކޮށްފައިވަނީ 2014 ވަނަ އަހަރު އައިއޭއޭއެފް ވޯލްޑް ހާފް މެރަތަންގައި ދުވެގެންނެވެ. އެ ރޭސް ޝަމްހާ ފުރިހަމަކުރީ އެއް ގަޑިއިރާއި 42 މިނެޓުންނެވެ.
ޝަމްހާގެ ރެކޯޑު މުގުރާލި މަރީ ވަނީ އޭނާގެ އަމިއްލަ ރެކޯޑެއް ވެސް އާކޮށްފައެވެ. ގޯލްޑް ކޯސް މެރަތަންގައި އޭނާ އާކުރީ މިދިޔަ އަހަރުގެ ދިރާގު ރޯޑް ރޭހުގައި ގާއިމްކުރި ރެކޯޑެވެ. މިއަދުގެ ރޭހުގައި އޭނާ ދިހަ ކިލޯމީޓަރު ފުރިހަމަކުރީ 44 މިނެޓާއި ހަތް ސިކުންތުންނެވެ. ކުރިން ދިރާގު ރޯޑް ރޭސް އޭނާ ފުރިހަމަކޮށްފައިވަނީ 44 މިނެޓާއި 18 ސިކުންތުންނެވެ.
ކުރިން ނަސީރު އިސްމާއީލްގެ ކޯޗުކަމުގެ ދަށުން ތަމްރީންތައް ހަދަމުންދިޔަ ކަމުގައިވިޔަސް، މިހާރު މަރީ ތަމްރީންތައް ހަދަމުންދަނީ ހުސައިން ހަލީމް (ކުޑަހުސެން)ގެ ކޯޗުކަމުގެ ދަށުންނެވެ. ކުޑަހުސެންގެ ކޯޗުކަމުގެ ދަށުން މަރީ ތަމްރީން ހަދަމުންދާތާ މިހާރު ދެ މަހެއްހާ ދުވަސް ވެއްޖެއެވެ.