03 Jul 2017, 09:55
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން މިހާތަނަށް 18 ރަށެއްގެ ނަރުދަމާ އަޅައި އަދި 16 ރަށެއްގައި ފެނުގެ މަސައްކަތް ނިންމާފައިވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރު ކުރެއްވީ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، އެ ދާއިރާގެ ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތަކާ ބެހޭ ގޮތުން ސުވާލު ކުރުމަށެވެ.
މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 18 ރަށެއްގައި ނަރުދަމާގެ މަސައްކަތް އަދި 16 ރަށެއްގައި ފެނުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ރަށްރަށުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރުވެސް 16 ރަށެއްގައި ފެނުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނަރުދަމާގެ މަސައްކަތްވެސް 20 ރަށެއްގައި ކުރިއަށް ދާ ކަމަށެވެ. ނަމަވެސް އެރަށްރަށުގެ މަސައްކަތްވެސް ނިމޭނެ ތާރީހެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ.
އޭގެ އިތުރުން އިތުރު ހަ ރަށެއްގައި ފެނުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް މިނިސްޓަރު ޠާރިޤު ވަނީ ވިދާޅުވެފައެވެ.
މީގެކުރިން އެހެން ސަރުކާރެއްގައި ފެނާ ނަރުދަމާ އަޅާފައިވާ ވަރަށް ވުރެ ގިނައިން މި ސަރުކާރުގައި ރަށްރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ކޮށްފައިވާ ކަމަށް ޠާރިޤު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ނަރުދަމާ އަޅާފައިވަނީ 31 ރަށެއްގައި ކަމަށާއި ފެނުގެ މަސައްކަތް ކޮށްފައިވަނީ ހަ ރަށެއްގައި ކަމަށެވެ.
ތ. އަތޮޅުގެ ފަސް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ނުދާތީ މެމްބަރު ރިޔާޒު ސުވާލު ކުރެއްވުމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ ބަޖެޓްގައި އެކަށީގެންވާ މިންވަރަށް ފައިސާ ހިމަނާފައިވާ ނަމަ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
މެމްބަރުން ވަނީ އެބޭފުޅުންގެ ދާއިރާގެ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ނުދާތީ މިނިސްޓަރު ޠާރިޤާ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. މިނިސްޓަރު ވިދާޅުވީ މިއަދުގެ މައުލޫއާ ގުޅުން ނެތް ސުވާލަކަށްވުމުން ޖަވާބުދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް ސިޓީއަކުން، އެ ސުވާލުތަކުގެ ޖަވާބު މެންބަރުންނަށް އަރުވާނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.