ދިވެހި ރާއްޖެ އިން އެމެރިކާއަށާއި އެމެރިކާގައި ހުންނަ އދ.ގެ އޮފިހަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރުގެ ބަދަލުގައި އެމަގާމަށް އެހެން ބޭފުޅަކު އައްޔަނުކުރަން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހަމަޖައްސައިފަ އެވެ.

މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން ސަރީރު މިދިޔަ ހަފްތާގައި ވަނީ، ނިއު ޔޯކްގައި ހުންނަ ރާއްޖޭގެ މިޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައިފަ އެވެ.

ސަފީރު ސަރީރުގެ ފެއާވެލް ހަފްލާގައި މުވައްޒަފުންނާ މުޚާތަބުކޮށް ވަދާއީ ތަގުރީރެއް ދެއްވި ވަގުތު، ސަރީރުގެ އެންމެ ހަގު ދަރިކަނބަލުން ހުރީ އޭނާގެ އަރިހުގައި، ޕޯޑިއަމްގައި ބޯ ޖައްސާލައިގެންނެވެ.

"ސަފީރު ފެއާވެލް ތަގުރީރު ދެއްވި އިރު ދަރިކަނބަލުން ހުންނެވީ ހަމަ އެގޮތަށް، ސަރީރުގެ އަރިހުގައި،" ނިއު ޔޯކް މިޝަންގައި މަސައްކަތްކުރާ ބޭފުޅަކު ވިދާޅުވި އެވެ.

ސަރީރުގެ ފެއާވެލްގައި، އދގެ ރާއްޖޭގެ މިޝަނުގެ މުވައްޒަފުންނާ އެކު --

ރާއްޖެ އިން އދ.އަށް ކަނޑައަޅާ ސަފީރުކަމުގެ ފަތްކޮޅު، އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫނަށް ސަރީރު އެރުއްވީ 20 ޑިސެމްބަރު 2012 ވަނަ ދުވަހު އެވެ. އަދި ރާއްޖެ އިން އެމެރިކާއަށް ކަނޑައެޅި ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއަށް ސަރީރު އެރުއްވީ 14 ޖެނުއަރީ 2013 ގަ އެވެ.

އަނބިކަނބަލުންނާއި ހަތަރު ބޭފުޅުންނާ އެކު ސަރީރު އެމެރިކާގައި ރާއްޖެ ތަމްސީލުކުރެއްވުމުގެ ވަޒީފާގައި ހުންނެވި އިރު، 2015 ވަނަ އަހަރު ރާއްޖެ އަށް އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯއިސް)ގެ ޗެއާމަންކަން ލިބުމާ އެކު އެ އިއްތިހާދުގެ މަސައްކަތުގައި ވެސް ރާއްޖޭގެ ފަރާތުން އިސްކޮށް އުޅުއްވަނީ ސަރީރެވެ.

މިދިޔަ އަހަރުން ފެށިގެން ސަރީރު ގެންދަވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ފަރާތުން، ސްމޯލްސް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް)ގެ ސްޓިއަރިންގް ކޮމިޓީ އޮން ޕާޓްނަރޝިޕްސްގެ ކޯޗެއާގެ މަގާމުވެސް އަދާ ކުރައްވަމުންނެވެ.

އަހްމަދު ސަރީރު ---

އެމެރިކާގައި ހުންނަ ރާއްޖޭގެ މިޝަންގައި މަސައްކަތް ކުރެއްވުމުގެ ކުރިން ސަރީރު ވަނީ ބަންގާޅުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމާއި، ލަންޑަނުގައި ހުންނަވާ ސަފީރުގެ ނައިބުކަން ކުރައްވައިފަ އެވެ. މީގެ އިތުރުން ވިލާތުގެ އިއްތިހާދަށް ރާއްޖެ އިން ކަނޑައަޅާފައިވާ މިޝަނާއި، ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ސަރީރަށް ފަހު، އެމަގާމަށް ވަޑައިގަންނަ ވާނީ ދިވެހި ޚާރިޖިއްޔާގެ ފޮރިން ސެކްރެޓަރީގެ މަގާމުގައި ޑިސެމްބަރު 2013 އިން ފެށިގެން ހުންނެވި ޑރ. އަލީ ނަސީރު މުހައްމަދެވެ. ޑރ. އަލީ ނަސީރަކީ މަރުކަޒީ ބޭންކްގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ފިރިކަލުންނެވެ. ޑރ. އަލީ ނަސީރު އައްޔަނުކުރަން ސަރުކާރުން ނިންމާފައި ވަނީ އދ.އަށް ކަނޑައަޅާ ދާއިމީ މަންދޫބުކަމުގެ އިތުރުން، އެމެރިކާއަށް ކަނޑައަޅާ ސަފީރުކަމާއި ކެނެޑާއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށެވެ. އެ މަގާމާ އޭނާ ހަވާލުވެވަޑައިގަންނަވާ ތާރީޚެއް އެނގިފައެއް ނުވެ އެވެ.