04 Jul 2017, 09:50
ނުވަ ރިސޯޓުގެ މެދުގައި އޮންނަ އދ. ދަނގެއްޗަކީ ޒަމާނުއްސުރެ ގުޅި ލާމެހިފައި އޮތް ރަށެކެވެ. ދަނގެތީގެ ރައްޔިތުންނަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން، ކުރިއާއި މިހާރު ވެސް ފަތުރުވެރިކަމާ ގުޅުންހުރި ބައެކެވެ.
ދަނގެތީގެ އިޖްތިމާއީ ކަންކަމުގައި ހަރަކާތްތެރި، އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ފާއިގާ އުމަރުގެ ޅަފުރައިގެ ދުވަސްވަރު ވެސް އެރަށަށް ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. ނަމަވެސް އޭރު ރައްޔިތުންނަށް ހީވެފައި އޮތީ، ބޭރު މީހުންނަކީ ބިރެއް ކަމަށެވެ.
"ހަދިޔާ ފަދަ ތަކެތި ބަހައި ހެދީމަ އެނގެން ފެށީ އެއީ ގޯސް ބައެއް ނޫންކަން. އެމީހުންނަކީ ވެސް އަހަރެމެން ކަހަލަ އިންސާނުން ކަމާއި، އެމީހުން ވެސް ރަށަށް އަންނަނީ އެންމެންނާ ގުޅިލައިގެން ރަށުގައި އުޅެން ބޭނުންވާތީކަން،" ފާއިގާ ކިޔައިދިނެވެ.

އދ. ދަނގެތީގެ ބޮޑުމަގުގައި ހުރި ގެސްޓްހައުސްއެއް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ބޭރު މީހުންނާ ދަނގެއްޗާ ގުޅެންފެށި ދުވަސްވަރު އެރަށުގައި ހުންނަނީ އެންމެ ދެ ތިން ޓޫރިސްޓު ފިހާރަ އެވެ. ނާއްޓެއް އޮމާން ކޮށްލައިގެން އެއްޗެއް ހަދާލައިގެން ވިއްކާ ހަދަ އެވެ. ނަމަވެސް އެފަދަ ވިޔަފާރިތަކުގެ ފައިދާ ވެސް ރައްޔިތުންނަށް ވިސްނެން ފެށުމާ އެކު، ގިނަ އަދަދެއްގެ ބަޔަކު ތަކެތި ހަދައި، ޓޫރިސްޓުންނަށް ވިއްކައިގެން އާމްދަނީ އިތުރުކުރަން ބޭނުންވިއެވެ.
"ފިހާރަތައް އިތުރުވެއްޖެ. ރަށުގެ އަންހެންވެރިން އަތިރިމަތީގައި ފަތްޖެހި އެނދު ފަތުރާލައިގެން ތިބޭނެ. މުންޑު ކަހަލަ އެއްޗެހި ފަހައި، ދެފަޅިން ފަޅާލައި، ފަތި ޖަހައިގެން އެތަކެތި ފަސްް ޑޮލަރު، ހަ ޑޮލަރަށް ވިއްކާލާނެ،"

އދ. ދަނގެތީގެ ޓޫރިސްޓް ފިހާރައެއް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ފާއިގާ ކިޔައިދެއްވި ގޮތުގައި، އެގޮތަށް ވިޔަފާރި ކުރާ މީހުންނަށް 50 އާ 100 ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބެމުން ދިޔަ އެވެ.
ނަމަވެސް "އެ ދުވަސް މާޒީވެ ދަމުން ދަމުން ގޮސް ހިނގައްޖެ" ކަމަށް ފާއިގާ ވިދާޅުވިއެވެ. ރަށުގެ ކައިރީގައި ރިސޯޓުތައް ގިނަވެ، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވީ އެވެ.

އދ. ދަނގެތި -- ފޭސްބުކް ފޮޓޯ: އެރިސްޓަން ދަނގެތި އިން
އޭގެ އިތުރުން ވިޔަފާރި ކުރުމަށް ގަވައިދުތަކާއި އުސޫލުތަކެއް ހަމަޖެހިގެން ދިއުމުގެ ސަބަބުން އަމިއްލަ ފަރާތްތަކުން މަގުމަތީގައި ތަކެތި ވިއްކަން ތިބުމުގެ މަގު ބަންދުވި އެވެ. ދެން އެކަން ކުރެވެން އޮތީ، ރަޖިސްޓްރީކޮށްގެން ހިންގާ ފިހާރަތަކުގަ އެވެ.
ހަމަ އެއާ އެކު، ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިއަކީ ދީނީގޮތުން ރަނގަޅުކަމެއް ނޫންކަމަށް ހީވެ، ބައެއް ޒުވާނުން ވެސް އެ ދާއިރާއާ ދުރަށް ޖެހުނެވެ.

ފަތުރުވެރީންނަށް އދ. ދަނގެތިން މަރުހަބާކިޔަނީ -- ފޭސްބުކް ފޮޓޯ: އެރިސްޓަން ދަނގެތި އިން
"ގެސްޓުން އައުން މަދުވާން ފެށީމަ ވިޔަފާރިތައް ދަށްވި. ބައެއް މީހުން އެމީހުންގެ ތަކެތިވެސް ވިއްކާލަން ފެށީ،"
ފަތުރުވެރިކަމާ ރަހުމަތްތެރި ދަނގެތީގައި އެ ދާއިރާ ކުޑަކޮށް ހީނަރުވުމަށް ފަހު، މިހާރު ވަނީ އާ ފެށުމަކުން ފަށައިފަ އެވެ. އެއީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ތިބެވޭ ގެސްޓްހައުސްތައް އެޅުމުގެ ހުއްދަ ދެވޭގޮތަށް ހަމަޖެއްސި ހަމަޖެއްސުމެވެ.

އދ. ދަނގެތީގެ ރީތި ގޮނޑުދޮށް-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
އޭރާ ހަމައަށް ދަނގެއްޗަށް އަންނަހާ ފަތުރުވެރިއަކު އަންނަނީ ރަށް ބަލާލުމުގެ ދަތުރުތަކަށެވެ. ނުވަތަ ސަފާރީ އުޅަނދުތައް ރަށަށް ބަނދަރުކުރާ އިރު ރަށަށް ފައިބައިލަނީ އެވެ.
ދެހާސް ނުވަ ވަނަ އަހަރު ދޭންފެށި ހުއްދައިގެ ދަށުން ދަނގެތީގައި ހުޅުވި ފުރަތަމަ ގެސްޓްހައުސަކީ "އެރިސްޓަން އިން ދަނގެތި"އެވެ.
"އެރިސްޓަން ހުޅުވައި، ގެސްޓުން ގެނެސް ބީޗު ފަދަ ތަންތަން ބޭނުންކޮށް، މާހައުލު ހުޅުވާލީމަ ގިނަ ބަޔަކު މިކަމަށް ޝައުގުވެރިވާން ފަށައިފި،" މިހާރު ރަށުގައި ހުރި ހަތަރު ގެސްޓްހައުސްގެ އިތުރުންވެސް ތަންތަން ހަދަމުންދާކަން ފާހަގަކުރަމުން ފާއިގާ ވިދާޅުވި އެވެ.

އދ. ދަނގެތީގައި ފުރަތަމަ ހެދި ގެސްޓުހައުސް -- ފޭސްބުކް ފޮޓޯ: އެރިސްޓަން ދަނގެތި އިން
ދަނގެތީގައި ގެސްޓްހައުސް ޓޫރިޒަމް ފަށައިގެން ކުރިޔަށްދާ އިރު، އެރަށުގެ "އަގެއް ނެތް" ބިންތަކުގެ އަގު ވެސް ބޮޑުވާން ފަށައިފި އެވެ. ފާއިގާ ކިޔައިދެއްވި ގޮތުން، ކުރީގައި ކުޑަކުޑަ އަގަކަށް ބިން ވިއްކައި އުޅުނު ދަނގެތީގެ ބިންތައް މިހާރު ބޮޑު އަގުގައި ކުއްޔަށްދެ އެވެ. ވިޔަފާރިވެރިން ދިގު މުއްދަތަށް ބިންތައް ކުއްޔަށް ނަގައި، ތަންތަން ތަރައްގީކުރަން ޝައުގުވެރިވެ އެވެ. މިއީ ނުސީދާކޮށް ވިޔަސް، ރައްޔިތުންނަށް ފަތުރުވެރިކަމުގެ ފައިދާ ލިބޭ ގޮތެކެވެ.
ދަނގެތީގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ އެރަށް ކުރިއެރުވުމަށް އޮތް ވަރަށް ބޮޑު ފުރުސަތެކެވެ. ފުރުސަތުގެ ބޭނުންކޮށްގެން އެންމެންނަށް ވެސް ފައިދާ ނެރެވިދާނެ އެވެ. ކުރިން ހީވެފައި އޮތީ، ފައިދާ ލިބެނީ ހަމައެކަނި ގެސްޓްހައުސް ހިންގާ ފަރާތަށް ކަމަށެވެ.

ފަތުރުވެރީންނަށް އދ. ދަނގެތިން މަރުހަބާކިޔަނީ -- ފޭސްބުކް ފޮޓޯ: އެރިސްޓަން ދަނގެތި އިން
"މިހާރު ރައްޔިތުންނަށް އެނގޭ، ގެސްޓްހައުސް ވިޔަފާރިކުރާ މީހާ އެކަނި ނޫންކަން، ހޮޓަލެއް ހިންގާ މީހާ، ފިހާރަ ހިންގާ މީހާ، އަދި ދޯންޏާއި ޑިންގީ އޮންނަ މީހާއަށް ވެސް މީގެ ފައިދާ ކުރޭ،" ދަނގެތީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރަކު ވިދާޅުވި އެވެ.